ގެއެއްގެ 8 ވަނަ ފަންގިފިލާގައި ފިޓު ޖެހިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ސިފައިން އެހީ ފޯރުކޮށްދީފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ބަލިމީހާ ބޭލުމަށް އެހީތެރިވެ ދީފައި ވަނީ އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކަމަށާ އޭނާ 8 ވަނަ ފަންގިފިލާއިން ތިރިޔަށް ބާލައިފައި ވަނީ ސިޑިން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އާންމުން ވަނީ އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކޮށްދިން ހިދުމަތަށް ތައުރީފުކޮށްފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިފަދަ ކަންކަމުގައި އަވަސް ފަރުވާ މުހިންމު ކަމަށެވެ. އެހެން ކަަމުން ފިޓު ޖެހުން ފަދަ ނުރައްކާތެރި ކަމަކަށް ލަހުން ފަރުވާ ލިބުމަށް ވުރެ ވީ އެންމެ އަވަހަކަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން މުހިންމު ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަދި ބައެއް ފަރާތްތަކުން ވަނީ ބަލިމީހާގެ މޫނު ފެންނަ ގޮތަށް ފޮޓޯ ލައިފައި ވާތީ އެކަމަށްވެސް ފާޑު ކިޔާފައެވެ. ނަމަވެސް އެމްއެންޑީއެފް އިން މިކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުންގެ އެސްއޯ ޓީމަކުންވެސް ވަނީ މާލޭގެ ގެއެއްގެ 8 ވަނަ ފަންގި ފިލާގައި އޮތް ބަލިމީހަކު ސިޑިން ބާލައި އެމްބިއުލާންސަށް އެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ފައެވެ. މިކަމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ ފުލުހުން ކުރާ މަސައްކަތަށް ތައުރީފުކޮށްފައެވެ.