އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލެ ސިޓީ ދާއިރާގެ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި "ބޮޑު ބަދަލު" ޓީމުން ކާމިޔާބުކޮށްފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއިލްގެ ތާއީދާއެކު ވާދަކުރެއްވި ބޮޑު ބަދަލު ޓީމުން ވަނީ މާލޭގެ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި ކާމިޔާބުކޮށްފައެވެ. މުޅި މާލެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދެވި އީވާ އަބްދުﷲއެވެ. އީވާއަށް 1931 ވޯޓު ލިބުނު އިރު ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި މާރިޔާ އަހުމަދު ދީދީއެވެ. އޭނާވަނީ މި އިންތިހާބުގައި 1830 ވޯޓު ހޯއްދަވާފައެވެ.
"ބޮޑު ބަދަލު" ޓީމާ ވާދަކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފެކްޝަނަށް ކާމިޔާބު ކުރެވިފައިވަނީ ހަތަރު ގޮނޑި އެވެ. ބާކީ އޮތް އެއް ގޮނޑި ކާމިޔާބުކުރެއްވީ ޕާޓީގެ ދެ ފެކްޝަނުން ކުރެ ފެކްޝަނަކަށް ނިސްބަތްވެވަޑައިނުގެން ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމުރެވެ.
މީގެ އިތުރުން މާލޭ ސިޓީ ދާއިރާއިން ގޮނޑިތައް ކާމިޔާބުކުރައްވާފައިވަނީ އިމްތިޔާޒް ފަހުމީ، ހަސަން ލަތީފް، އަލީ އާޒިމް، އައިޝަތު ހަނާން، ޒިދްނާ އަލީ މަނިކު، މުހައްމަދު ޒިޔާދު (ޒިޔައްޓޭ)، އިފްހާމް ހުސައިން،އިބްރާހީމް މުއިއްޒު، އަހުމަދު ހަލީމް (ދޮންބިލެތް)، އަހުމަދު މައިމޫން މުހައްމަދު، އިބްރާހިމް ލަބާން ޝަރީފްގެ އިތުރުން މުހައްމަދު ރިލްވާން އަލީ އަދި މުހައްމަދު ރަޝީދު (ބޯދިގު)އެވެ.
މާލެ ސިޓީ ގައުމީ މަޖިލީހުގެ މި 16 ގޮނޑިއަށް ޖުމްލަ 45 ކެންޑިޑޭޓުން ވަނީި ވާދަކޮށްފައެވެ.
