ނޮވެމްބަރު 3 ގެ އެއް ބަތަލް، ގައުމީ ދިފާއީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަ ވެއްޖެއެވެ.
އޭނާ އަވާހަރަ ވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާނަލް ރިޓަޔަޑް އާދަމް އިބްރާހީމް މަނިކު އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މަރުހޫމް އާދަމް އިބްރާހިމް މަނިކަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ދިފާއުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައިގެން، ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް އެމީހުންނާ ދެކޮޅަށް ޖިހާދު ކުރައްވައި، ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ އަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައިގެން ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމަނިކުފާނަކީ ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ ގޮތުގައާއި، ސިފައިން ހިންގާފައިވާ ތަފާތު ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިހުލާސްތެރިއެއްގެ ގޮތުގައިވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހޫމް ކާނަލް ރިޓަޔަޑް ބިލާލް އާދަމް މަނިކުގެ ލޮބުވެތި އާއިލާއަށާއި ދިވެހި ސިފައިންނަށް ތައުޒިޔާ ދަންނަވާފައެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ލެހެއްޓެވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ހެޔޮ ދުއާ ކުރައްވާފައެވެ.
