މަސައްކަތް ހުއްޓިފައި އޮންނަތާ 9 އަހަރު ވެފައިވާ ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް މިއަދު އަލުން ފަށައިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު ވިދާޅުވީ، 9 އަހަރުގެ ދިގު މުއްދަތަކަށްފަހު މި މަޝްރޫއުގެ މަސައްކަތް އަލުން ފެށިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މި މަޝްރޫއުގެ ޑިވެލޮޕާ، ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަދައްކަވަމުން ޑޫކް ވިދާޅުވީ، މިއީ ދިވެހި ޒުވާނުންނާއި އާއިލާތަކަށް އުއްމީދީ މަޝްރޫއެއް ކަމަށެވެ. ހުޅުމާލޭގައި ހުސްވަގުތު ހޭދަކޮށްލުމަށް އެކަށީގެންވާ ތަނެއް މިހާރު ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި ޕާކަކީ ރާއްޖޭގެ މުޖުތަމައާ ވަރަށް ބޮޑަށް ގުޅޭ ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި އެޗްޑީސީއާއެކު މިހާތަނަށް ކުރެވުނު މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކުރައްވައި ޑޫކް އިތުރަށް ވިދާޅުވީ، ރާއްޖެއިން އެހެނިހެން ގައުމުތަކުގެ އިންވެސްޓަރުންނާއެކު މަސައްކަތްކުރަމުންދާއިރު، އޭގެ ތެރެއިން ބައިވެރިއަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މީގެއިތުރުން، އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ) ހޮޓެލްސް އެންޑް ރިސޯޓްސްގެ އީސްޓް އޭޝިއާ އެންޑް ޕެސިފިކްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ރަޖިތު ސުކުމާރަން ވިދާޅުވީ މި މަޝްރޫއަކީ ރާއްޖެއަށް އުއްމީދީ މަޝްރޫއެއް ކަމަށާއި، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި، ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި ބިޔަ މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ މަޝްރޫއެކެވެ. މީގެ ތެރެއިން ވޯޓަރ ތީމް ޕާކް އެކަނިވެސް ތަރައްގީކުރަނީ 17,800 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ހުޅުމާލޭގެ މޫނުމަތި ބަދަލުކޮށްލާނެ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.

މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ދެކެއެވެ. އަދި މި ޕާކާއެކު 500 އައު ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.