"ގެދޮރު ބިނާކުރުމަށް އެހީ ދޭ ހެލްޕް ޓު ބިލްޑް) ސްކީމު" ގެ ދަށުން މާލީ އެހީއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ނޮވެންބަރު 29، 2026 ވަނަ ދުވަހު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި ސްކީމަކީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމު" ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމަށް އެކުލަވާލާފައިވާ ސްކީމެއް ކަމަށެވެ.
މި އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މި އެހީއަށް އެދި އެޕްލިކޭޝަން ހުޅުވާލުމަށް ނިންމާފައިވާއިރު މިިނިސްޓްރީން ބުނީ މި އުސޫލުގެ ދަށުން އެހީ ލިބޭނީ ޝަރުތު ހަމަވާ، މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އަމިއްލައަށް ގެދޮރު ބިނާކުރެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން މި ސްކީމުގެ ދަށުން އަލަށް ގެ އިމާރާތްކުރުމާ، ހަދަން ފަށާފައިހުރި އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނިންމުމުގެ އިތުރުން ބައުވެފައިވާ އިމާރާތެއް ބިނާކުރުމަށް މި ސްކްމުގެ ދަށުން ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ގޯއްޗަކަށް 2 ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގައި ހުޅުމާލެ އާއި ވިލިމާލެ ނުހިމެނޭ ގޮތަށް ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން މާލީ އިދާރާތުން ފައިސާ ދޫކުރާނީ އެ މާލީ އިދާރާއަކުން ކަނޑައަޅާފައިވާ ޝަރުތުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ކުރިން ނަގާފައިވާ ފެސިލިޓީއެއްގެ ދަށުން ފައިސާ ރީ ފައިނޭންސްކުރުމަށް މި ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
