އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އުމުރުން އެންމެ 4 އަހަރުގެ އައިޝަތު ރޫޔާ އިބްރާހީމް ނަސީރަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ، ހަރަކާތްތެރި ކުއްޖެކެވެ. އެހެންނަމަވެސް ކުޑަކުޑަ ރޫޔާއަށް ކުރިމަތިވި ކުއްލި ބަލިހާލަތާއެކު އޭނާގެ އެ ހިނތުންވުން ވަނީ ގެއްލިފައެވެ.
ރޫޔާގެ މަންމަ ރަޝީދާ އަހްމަދު މަސައްކަތް ކުރަނީ ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލުގައެވެ. ބައްޕަ އިބްރާހީމް ނަސީރަކީ އައްޑޫ ނޭޗާ ޕާކުގެ ޕާކް ވޯޑަންއެކެވެ. މި އާއިލާއަށް ލިބިފައިވާ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅަކީ ރޫޔާއެވެ. ދޮށީ ފިރިހެން ދަރިފުޅު (19 އަހަރު) މިއަހަރުގެ އޭޕްރީލް މަހު އޭލެވެލް ނިންމައި ވަޒީފާއެއް ހޯދަމުންދާއިރު، ދޮށީ އަންހެން ދަރިފުޅު (17 އަހަރު) ދަނީ ނާސިން ކޯހެއް ފުރިހަމަ ކުރަމުންނެވެ. ހަގަށް ތިބި އަނެއް ތިން ކުދިން (11 އަހަރުގެ ފިރިހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖަކާއި ރޫޔާ) ކިޔަވަމުން އަންނަނީ ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލުގައެވެ. އެ ކުދިންގެ ކިޔެވުމުގެ ހަރަދުތައް ހަމަޖައްސަނީ ރަޝީދާއަށް ލިބޭ ސްޓާފް އަދި ސިބްލިން ޑިސްކައުންޓުގެ އެހީގައެވެ.
މި މަހު ކުރީ ކޮޅު ގަދައަށް ހުން އައިސް، ކާއެއްޗެއް ނުކެވި، ރޫޔާ ވަރަށް ބޮޑަށް ވަރުދެރަވިއެވެ. ތިން ދުވަސް ވަންދެން ގޭގައި ފަރުވާދީގެން ވެސް ހުން ފިނިނުވުމުން، މި މަހުގެ 19 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު ރޫޔާ ގޮވައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ދިޔައެވެ. ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން، ރޫޔާގެ ހަށިގަނޑުން ލޭ މަދުވެ، ލޭގެ ހުދު ސެލްތަކާ، ޕްލޭޓްލެޓްސް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާކަން އެނގުމާއެކު އާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން ރޫޔާ އައިސީޔޫއަށް ބަދަލުކުރެވުނުއިރު، އެތަނުގައި ފަރުވާދެމުން ދިޔައިރު ދެ ފަހަރެއްގެ މަތިން ލެޔާއި ޕްލޭޓްލެޓްސް އެޅިއެވެ.
ރޫޔާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ނޮވެމްބަރު 22 ވަނަ ދުވަހު އެއާ އެމްބިއުލާންސް ގައި މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުކުރެވުނެވެ. އައިޖީއެމްއެޗް އިން ހެދި އިތުރު ޓެސްޓުތަކަށްފަހު ޑޮކްޓަރުން ދިނީ ހިތްދަތި ހަބަރެކެވެ. ޑޮކްޓަރުން ޝައްކުކުރައްވަނީ ލޭގެ ޑިސްއޯޑާއެއް ކަމުގައިވާ ލޫކިމިޔާއަށެވެ. ރޫޔާގެ މަންމަ ރަޝީދާ ބުނީ އެންމެ ފަހުން ހެދި ލޭގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، ހިމޮގްލޯބިން އަދި ލޭގެ އެހެނިހެން ސެލްތަކުގެ މިންވަރު އަދިވެސް ދަށަށް ދާ ކަމަށެވެެ.
މީގެއިތުރުން ރޫޔާގެ ހަށިގަނޑާއި އަނގަތެރޭގެ ތަންތަންކޮޅު ރަތްވާން ފަށާފައިވާއިރު، އަނގައިގެ ތެރެއިން މަދު މިންވަރަކަށް ލޭ އަންނަކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވާތްފަރާތުން ކަރުދުޅަވެ އެތަނުގައި ރިއްސާ ކަމަށް ޝަކުވާ ކުރަމުންދާއިރު، ހުންކޮށި ދުޅަވެފައިވާ ކަމަށް ވެސް ސްކޭނުން ދައްކައެވެ. އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ރޯގާއެއް ޖެހުނަ ނުދީ ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން އަންގަވާފައިވާއިރު، ރައްކާތެރިކަމަށްޓަކައި މަންމައާއި ބައްޕަ ފިޔަވައި އެހެން މީހަކަށް ރޫޔާއާ ބައްދަލެއް ނުވެއެވެ.
ބަލީގެ އަސްލު ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި ވީއެންމެ އަވަހަކަށް އިންޑިއާއަށް ގޮސް 'ބޯން މެރޯ އެސްޕިރޭޝަން އެންޑް ބަޔޮޕްސީ' ހެދުމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. މިވަގުތު ރާއްޖެއިން ދެވޭނެ މާ ބޮޑު ފަރުވާއެއް ނެތްއިރު، ރޫޔާގެ ފަރުވާ ފެށޭނީ މި ޓެސްޓު ހަދައިގެންކަމަށް ރަޝީދާ ވަނީ ބުނެފައެވެ.
އާސަންދަ މެދުވެރިކޮށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ ރެއިންބޯ ޗިލްޑްރެންސް ހޮސްޕިޓަލުން މި ޓެސްޓުތައް ހެދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް، އަދިވެސް އާއިލާއިން ތިބީ ރަސްމީ ލިޔުމުގެ އިންތިޒާރުގައެވެ. މިހާތަނަށް އާސަންދައިގެ ވެލްފެއާ އެހީގެ ގޮތުގައި 3,084 ރުފިޔާ ލިބިފައިވާއިރު، ވިސާއާއި ފްލައިޓުގެ ކަންކަން ވީއެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރަޝީދާ ބުންޏެވެ.
ރަޝީދާއާއި އިބްރާހީމަށް ލިބޭ މުސާރައަކީ ދަރިންގެ ތައުލީމަށާއި ގޭތެރޭގެ ހަރަދުތަކަށް ކަނޑައެޅިފައިވާ އެއްޗަކަށް ވާތީ، ކުއްލިއަކަށް ކުރިމަތިވި މި ބޮޑު ހަރަދުތައް އަމިއްލައަށް ބެލެހެއްޓުމަކީ އެ ދެމަފިރިންގެ މާލީ ތަނަވަސްކަން ތަންދޭ ކަމެއް ނޫނެވެ. ޓެސްޓުތައް އާސަންދައިން ހަމަޖައްސައިދިން ނަމަވެސް، އިންޑިއާގައި ހުންނަ ދުވަސްވަރު ހުރުމާއި، ކެއިންބުއިމާއި، ދަތުރުފަތުރާއި އެހެނިހެން ޒަރޫރީ ކަންކަމަށް ބޮޑު ހަރަދެއް ހިނގާނެއެވެ.
މީގެ އިތުރުން އިންޑިއާގައި މަޑުކުރަން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ޔަގީން ނުވާއިރު، ރޫޔާގެ ލޭގެ ކައުންޓްތައް ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ، ހުރިހާ އިންތިޒާމެއް ހަމަ ޖެހެންދެން މަޑުކުރެވެން ނެތް ކަމަށް ރަޝީދާ ބުންޏެވެ. އެ ދެމަފިރިން ބޭނުންވަނީ މި ވަގުތުވެސް އިންޑީއާއަށް ގޮސް ދަރިފުޅަށް އަވަސް ފަރުވާއެއް ހޯދައިދޭށެވެ.
"ވަގުތަކީ ނުހަނު އަގުބޮޑު އެއްޗެއް. އަދި ދަރިފުޅުގެ ސިއްހަތު އިތުރަށް އިންތިޒާރެއް ނުކުރާނެ. ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް ވެދެއްވާ އެހީތެރިކަމަކީ މި އުނދަގޫ ދަތުރު ފަހަނައަޅައި ދިއުމުގައި އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް:" ރަޝީދާ ބުންޏެވެ. އެ ދަރިފުޅުގެ ތަކްލީފްތަކަށް ލުޔެއް ހޯދައިދިނުމަށް އާއިލާއިން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނައިރު ރޫޔާއާށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7557281 އަދި 7871840 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ. އަދި ފައިސާގެ އެހީތެރިކަމެއްވެވެން ނެތް ނަމަ ރޫޔާއަށް ހެޔޮ ދުޢާކޮށް ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.
ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:
އެކައުންޓްގެ ނަން: ރަޝީދާ އަޙްމަދު
- ބީއެމްއެލް (ދިވެހި ރުފިޔާ): 7770000290721
- ބީއެމްއެލް (ޔޫއެސް ޑޮލަރު): 7770000291170
- އެމްއައިބީ (ދިވެހި ރުފިޔާ): 90203100782101000
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ހާޖަތްތައް ފުއްދައިދިނުމަކީ އިހުސާންތެރިކަމުގެ ތެރެއިން ހިމެނޭކަމެކެވެ. ﷲ ސުބުޙާނަހޫ ވަތައާލާ ވަހީކުރައްވާފައިވެއެވެ. (وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195 މާނައީ: "އަދި ތިޔަބައިމީހުން އިހުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިހުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވަ އެވެ."
