މާލޭގައި ހިންގާ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށްނެގި ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މައްސަލަ ތަހުގީގުކޮށް، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި މީހުން ދެނެގަތުމަށްފަހު، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރިއެވެ.

މި ބަލާ ފާސްކުރުމުގެ ތެރެއިން 1,093,122.25 ރުފިޔާއާއި 8,845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ބުނީ، އެ އޮފީހުން ޖުމްލަ 1,252,505 ރުފިޔާއާއި 11,470 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 1,429,372 މިލިއަން ރުފިޔާއެއް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީގެ ތިން މީހުންނެވެ. އެއީ:

  • އަހުމަދު ނާޒިމް (31 އަހަރު)
  • ހުސައިން ސަބާހު (42 އަހަރު)
  • އައިޝަތު ނަޝާޔާ (32 އަހަރު)

މި މީހުންގެ ތެރެއިން އަހްމަދު ނާޒިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު ކަމަށް ވެއެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހުމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ހުސައިން ސަބާހު 30 ދުވަހަށް، އައިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.