މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި (17 ނޮވެންބަރު 2023 އިން 17 ނޮވެންބަރު 2026 އަށް) މުޅި ރާއްޖޭގައި ޖުމްލަ 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގަމުން އަންނަ އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނައިން ނިންމާފައިވަނީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ. އެގޮތުން އެ ދާއިރާއިން 19 މަޝްރޫއެއް ވަނީ ނިންމާފައެވެ.
ނިމިފައިވާ މަޝްރޫއުތަކުގެ ތަފްސީލު:
- ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން: 19
- އައުޓްޑޯ ޖިމް: 18
- ބަނދަރު ހެދުމުގެ މަޝްރޫއު: 14
- ފުޓްސަލް އަދި ފުޓުބޯޅަ ދަނޑު: 7
- ޕޮލިސް ޕޯސްޓް: 6
- މަގު ހެދުމުގެ މަޝްރޫއު: 5
- އިމާރާތް ކުރުމުގެ މަޝްރޫއު: 4
- އެއާޕޯޓް ތަރައްގީކުރުން: 4
- ވޮލީ ކޯޓު: 3
- ޖެޓީ ހެދުން: 2
- ޕާކު ތަރައްގީކުރުން: 2
- ސްކޫލް އަދި މަލްޓިޕާޕަސް ހޯލް: 2
- ކޮންސަލްޓެންސީ: 1
- ސާވޭ ކުރުން: 1
- ޕޯޓް ތަރައްގީކުރުން: 1
- އެހެނިހެން މަޝްރޫއުތައް: 6
މީގެ އިތުރުން، 17 ނޮވެންބަރު 2026 ގެ ނިޔަލަށް އެ ކުންފުނިން އަންނަނީ 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިވަގުތު ވެސް ޖުމްލަ 149 ރަށެއްގައި އެ ކުންފުނީގެ ޓީމުތަކުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ.
"ރައްޔިތުންގެ ކުންފުނި" ގެ ގޮތުގައި ފާހަގަކުރެވޭ އެމްޓީސީސީން ބުނީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމީ ތަރައްގީގެ ދުވެލި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ބާރެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ރަށްތައް އެއްފަސްކޮށް، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އިތުބާރާއެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
