ޔޫއޭއީގެ އީގަލް ހިލްސްއާއެކު ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ރަސްމާލެ ދޫކޮށްލަން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވިކަން އިއުލާނުކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ރަސްމާލޭގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ 253-2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އާންމު ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް މަޖިލީހުގައި އިއުލާނުކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވަންޖެހެއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 253-4 ވަނަ މާއްދާގެ ދަށުން، ކޮމިޓީން އެ ގަރާރު ދިރާސާކޮށް ފުރިހަމަކުރުމަށްފަހު 14 ދުވަހުގެ ތެރޭގައި އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށާ، ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވެއެވެ.
