އަތޮޅުތެރޭގެ ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުވުމުގައްޔާއި ރައްޔިތުންނަށް އަސާސީ މުދާ ފޯރުކޮށްދިނުމުގައި އެޖެންޓުން މުހިންމު ދައުރެއް އަދާކުރާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އެސްޓީއޯއިން ރަށްރަށުގައި އެޖެންޓުން ހަމަޖައްސާފައިވަނީ މާލެއެކޭ އެއް އަގެއްގައި އަދި ފަސޭހަކަމާއެކު އަތޮޅުތެރޭގެ ރައްޔިތުންނަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި، ގޭސް އަދި ތެޔޮ ފަދަ ޒަރޫރީ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމުގައި އެޖެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަށްރަށަށް ކުދި ކާގޯތައް ގެންދިއުމަކީ ހަރަދު ބޮޑު ކަމެއްކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ، އެޖެންޓުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަދި ފައިދާވާނެ ގޮތަކަށް ވިޔަފާރި ކުރެވޭނެ މަގުފަހިކޮށްދިނުމަށް އެސްޓީއޯއިން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި މުދާ އުފުލުމުގެ ނާލު ހަމަޖައްސައިދިނުމާ، ވިޔަފާރިއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި އައްޔަންކުރަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ކުންފުނިތައް ކަމުގައިވާއިރު ޝިމާދު ވިދާޅުވީ، އެޖެންޓުންނަކީ ކުންފުންޏާ ރައްޔިތުންނާ ދެމެދު އޮންނަ މުހިންމު މެދުވެރިއެއް ކަމަށެވެ. އަދި އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އެސްޓީއޯގެ މައިގަނޑު އެއް އަމާޒެއްކަން ޝިމްހާދު ފާހަގަކުރެއްވިއެވެ.

މިހާރު އަސާސީ ކާބޯތަކެތީގެ ލިސްޓަށް 10 ބާވަތެއްގެ ތަރުކާރީ، 10 ބާވަތެއްގެ މޭވާގެ އިތުރުން އެހެނިހެން 6 ބާވަތެއް ހިމެނޭހެން ޖުމްލަ 26 ބާވަތެއް އިތުރުކޮށްފައިވާއިރު މި ހުރިހާ ބާވަތެއްވެސް ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.