ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަހެއް ނެތި ކަމަށާއި، މިއީ މީގެކުރިން އަދުލުގެ ނިޒާމުގައި އެއްވެސް މައްސަލައެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ޝާހިދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ޝާހިދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ބަންދަށް ޖަހައި ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި، އަމުރު ބާތިލުކުރެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.
ސިއްރުން ބޭއްވި މި ޝަރީއަތުގެ ހުކުމުން ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ ހުކުމް އާންމުކޮށްފައެވެ. ހައި ކޯޓުގެ ހުކުމް އާންމުކުރުމާ ގުޅިގެން ޝާހިދުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އަނިޔާ ލިބުނު ފަރާތުގެ ބަހެއް ނެތި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމަކީ މީގެ ކުރިން ރާއްޖޭގެ ޝަރުއީ ނިޒާމުގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ބަންދު އަމުރު ނެރުނުއިރު ވެސް ކުއްޖާގެ ބަހެއް ތަހުގީގަށް ހޯދިފައި ނުވާ ކަމަށާއި، ފުލުހުންގެ އަތުގައި އޮތީ އެ ކުއްޖާ ވާހަކަ ކިޔައިދިން ކަމަށް ބުނާ އެހެން މީހެއްގެ ބަޔާނެއް އެކަނި ކަމަށް ވަކީލުން ފާހަގަކުރިއެވެ.
މީގެއިތުރުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އޭނާގެ ދޮންދަރިއެއް ނުހުންނާނެ ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވިއެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ބަޔާންތަކުން އެ ކުއްޖާ ޝާހިދާ މުހާތަބު ކުރަނީ "ބައްޕި" ގެ ނަމުން ކަމަށާއި، ޝާހިދަކީ ދޮންބައްޕަ ކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގެން އޮތް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ވެސް ބަޔާންކޮށްފައި ވަނީ، މައްސަލައިގައި ހުށަހެޅި ލިޔުންތަކުން ޝާހިދުގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ ސަބަބުތަކެއް ހުރި ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ވަކީލުންގެ ބަޔާނުގައި ވަނީ މުޅި މައްސަލަ ހިންގަމުންދާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން ޝާހިދު ހައްޔަރުކުރުމުގެ ކުރިން މީޑިއާތަކަށް އަންގައި، އޭނާގެ ގެ ކައިރިއަށް ނޫސްވެރިން ގެންދިޔުމަށް މަސައްކަތް ކުރުމާއި، ހައްޔަރުކުރުމުގެ ކުރިން ނޫހެއްގައި އެ ހަބަރު ސުރުހީއަކަށް ޖަހާފައިވާކަން ވަކީލުން ފާހަގަކުރިއެވެ. އަދި ގާނޫނުން ސިއްރުކުރަން ލާޒިމުކުރާ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި އާންމުވަމުންދާތީ، މިއީ ޖިނާއީ ތަހުގީގަކަށް ވުރެ ބޮޑަށް ސިޔާސީ ގޮތުން ފަލީހަތް ކުރުމުގެ އަމަލެއްގެ ގޮތުގައި ވަކީލުން ސިފަކުރިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގައި ސަރުކާރުގެ އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށެވެ.
ޝާހިދުގެ ވަކީލުން ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށާއި، ހަގީގަތް ހާމަކުރުމަށްޓަކައި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މި މައްސަލައިގެ ހަގީގަތް ފަޅާއަރައި، މި ތުހުމަތުތައް އުފަންކުރުވި ފަރާތްތަކާ އިންސާފު އަރާ ހަމަކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝާހިދަށް އެބައޮތް ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.
