ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލުގެ ކޮޕީތަކެއް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިއްޔެގެ ޖަލްސާގައި ވީދާލުމާ ގުޅިގެން، އޭނާއަށާއި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެދިވަޑައިގެންފިއެވެ.
ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް މައުރޫފްގެ މައިކް ކެނޑުމުން، އޭނާ ވަނީ ޕީއެންސީ މެންބަރުން ވާހަކަ ދެއްކުމަށް ހުރަސްއަޅާ ކަމަށް ވިދާޅުވެ، މޭޒުމަތީގައި އޮތް ބިލުގެ ކޮޕީތައް ތަޅުމުގައި ވީދާލައްވައިފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަޖިލީހުގައި މައުރޫފް ވާހަކަދައްކާފައިވާއިރު މި ކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މައުރޫފްގެ އެ އަމަލަކީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށާއި، މަޖިލީހުގެ ހުރިހާ މެންބަރުން ވެގެން ވެސް އެ ބިލު ވީދާލަން ޖެހޭ ކަމަށެވެ. ނަމަވެސް އޭނާ އަމަލީ ގޮތުން ކަރުދާހެއް ވީދައެއް ނުލައްވައެވެ. މިކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، މައުރޫފް ހިންގެވީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، އެކަމަށް ނާޒިލް ވެސް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ، މިފަދަ އަމަލުތަކަށް ފިޔަވަޅު ނާޅައިފިނަމަ މަޖިލީހުގެ ނިޒާމު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން، ސުލޫކީ ކޮމިޓީން މައްސަލަ ބަލައި، މަދުވެގެން އެއް އަހަރު ދުވަހަށް މަޖިލީހުގެ އެއްވެސް ކޮމިޓީއަކަށް ހާޒިރު ނުވެވޭ ގޮތަށް މައުރޫފް ސަސްޕެންޑް ކުރުމަށް ފަލާހު ވަނީ ގޮވާލައްވައިފައެވެ.
ހޫނު ބަހުސްތަކަކަށް ފަހު، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލު އިއްޔެގެ ޖަލްސާއިން ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އަދި އިތުރަށް ދިރާސާ ކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
