ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނަން މަޖިލީހަށް ފޮނުއްވާފައިވަނީ، އެ މަގާމަށް އަލީ ސަމީރު އައްޔަންކުރެއްވުމަށް ފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދިނުމާ ގުޅިގެންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އިއްވުމަށްފަހު، އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވިއަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި އަލީ ސަމީރުގެ އިތުރުން ދެން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ޝަރުއީ އަދި ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަލީ ސަމީރަކީ، 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަމުގެ މަގާމުވެސް ފުރުއްވާފައެވެ. 2022 ވަނަ އަހަރު ފަނޑިޔާރުކަމުން އަމިއްލަފުޅަށް ވަކިވެވަޑައިގަތުމަށް ފަހު، އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯފާމެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.
އަލީ ސަމީރު ވަނީ މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
