ހުޅުމާލޭގައި ދެ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމުގެ ހަފުލާއަކަށް ހާއްސަކޮށްގެން "ޕްރިންސެސް ކާސަލް" އެއްހެން ތައްޔާރުކޮށްފައިވާ ފިޔާތޮށި ކުލައިގެ ރީތި ގަނޑުވަރެއްގައި ބޭއްވި އާދަޔާހިލާފު ބޮޑު އަދި ކުލަގަދަ ހަފުލާއަކަށް ގިނަބައެެއްގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މި ހަފުލާގައި ޑިޒްނީގެ ގާތްގަނޑަކަށް ހުރިހާ ޕްރިންސެސް ކެރެކްޓާތަކެއް ފެނިގެންދިޔައިރު، ރޭގަނޑުގެ ވަގުތުގައި ވަނީ ވަރަށް ފުރިހަމަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އިންޓަނެޓުގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި ޕާޓީ ބާއްވާފައިވަނީ ކުޑަ 2 ކުދިންގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އަދި މި ހަފުލާގެ އެންމެ ހާއްސަ ކަމަކީ، މި ޕާޓީއަށްޓަކައި ތައްޔާރުކުރި ފިޔާތޮށި ކުލައިގެ ބޮޑު ގަނޑުވަރެވެ.

މި އުފަންދުވަހުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމާއެކު، މީސްމީޑިއާގައި ވަނީ މިކަމާ ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. ބައެއް މީހުން ވަނީ، ދަރިން އުފާކޮށްދިނުމަށާއި ހަނދާނުން ފޮހެވިގެންނުދާނެ ފަދަ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް މައިންބަފައިން ކޮށްފައިވާ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި މިއީ ފައިސާ ހުރިނަމަ ކުދިންނަށްޓަކައި މައިންބަފައިން ކޮށްދެވިދާނެ ކަންކަމުގެ ރީތި މިސާލެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކޮށްފައިވެއެވެ.

އުފަންދުވަހުގެ ޕާޓީއަކަށް ތައްޔާރުކޮށްފައިވާ ޕްރިންސެސް ކާސްލް

ނަމަވެސް، އަނެއްބައި މީހުން މިކަން ދެކެނީ މުޅިން ތަފާތު ނަޒަރަކުންނެވެ. ރާއްޖޭގެ ގިނަ އާއިލާތަކަކަށް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، މާލީ ގޮތުން ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ހަމައެކަނި ޕާޓީއަކަށް މިފަދަ ބޮޑު ގަނޑުވަރެއް ހަދައި މުއްސަނދިކަން ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އާދައިގެ ރައްޔިތުން ދެކޮޅު ޖައްސަން ތަކުލީފުތައް އުފުލަމުންދާއިރު، މިފަދަ ބޮޑެތި ހަރަދުތައް ފާޅުކަން ބޮޑު ގޮތެއްގައި ދެއްކުމަކީ މުޖުތަމައުގެ ހަމަހަމަކަމަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރިއެވެ.

ނަތީޖާއެއްގެ ގޮތުން، މި ޕާޓީ ވެގެން ގޮސްފައިވަނީ ސޯޝަލް މީޑިއާގައި އިދިކޮޅު ދެ ހިޔާލެއް އުފެއްދި ކަމަކަށެވެ. އެއްބަޔަކު މިއީ މައިންބަފައިންގެ ލޯބި ހާމަކޮށްދިން ހިތްގައިމު ކަމެއްގެ ގޮތުގައި ދެކޭއިރު، އަނެއްބަޔަކު މިކަން ސިފަކުރަނީ މުޖުތަމައުގައި އެކި ފަންތީގެ މީހުންގެ ދެމެދުގައި އޮތް ތަފާތު އިތުރަށް ބޮޑުވަމުންދާ މަންޒަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައެވެ.