ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސްޖަހައިފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކުގައި ހުއްޓާ ކަމަށެވެ. ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓު ހިންގާ އިމާރާތުގައި އަލިފާން ރޯ ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެފަދަ ނުރައްކާތެރި އަމަލެއް ހިންގުމަށް ހިތްވަރުދެމުން އޭނާ ބުނެފައި ވަނީ އެ ތަންތަނުގައި "[ރޯކޮށްލައިފިއްޔާ] މަޖާވާނެ" ކަމަށެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާއިން ޑިލީޓްކޮށްފައެވެ.
މި މައްސަލައިގައި އޭނާ ބަންދުގައި ހުންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އަދި އެ ފަނަރަ ދުވަސް ހަމަވުމުން މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އޭނާގެ ބަންދަށް ވަނީ އިތުރު 14 ދުވަސްޖަހާފައެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 16 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
