ދައުލަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ ލަފާ ހޯދުމަށް ކޮމިޓީތަކާއި މަޝްވަރާ މަޖިލިސް އެކުލަވައިލުމުގެ އުސޫލެއް ކަނޑައަޅައި، އެއަށް އަމަލުކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މި އުސޫލު ކަނޑައެޅީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މި އުސޫލުގެ ބޭނުމަކީ އެކި ދާއިރާތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކުލަވައިލުމުގައި ތައުލީމާއި ތަޖުރިބާ ހުރި މީހުންގެ ލަފާ ހޯދުމެވެ. މިގޮތުން ކޮންމެ ވުޒާރާއަކަށްވެސް ފަންނީ ކޮމިޓީތަކެއް ހަމަޖައްސައި، އެ ކޮމިޓީތަކަށް ދާއިރާގެ އެނގުންތެރިން އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމިޓީތަކުގައި ކުރާ މަސައްކަތަކީ ގައުމީ ހިދުމަތެއް ކަމަށް ބަލައި، އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ނުދޭ ގޮތަށްވެސް ވަނީ ނިންމަވާފައެވެ. މި އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިދިޔަ ބުދަ ދުވަހު ރައީސް ވަނީ، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހެއް އެކުލަވާލައްވައިފައެވެ. އެ މަޖިލިސް އެކުލަވައިލެއްވީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގައްޔާއި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސް މަޝްވަރާ ހޯއްދެވުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެ ހާއްސަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ ދައުލަތުގެ އިއްޒަތާއި ޝަރަފު އަރުވާފައިވާ، ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންނެވެ. އޭގެ ތެރޭގައި ސިއްހީ، ތައުލީމީ، އިގްތިސާދީ، އިޖުތިމާއީ އަދި ހާރިޖީ ދާއިރާ ފަދަ ތަފާތު އެކި ފަންނުތަކުގެ އެންމެ މަތީ ތައުލީމާއި ތަޖުރިބާ ހުރި 100 އާއި 150 ދެމެދުގެ އަދަދެއްގެ ތަޖުރިބާކާރުން ހިމެނޭ ކަމަށް މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ.
