ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
މި ތަކެތި އަތުލައިގެންފައިވަނީ ބަންގްލަދޭޝްއިން ރާއްޖެ އައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.
އެ ފަސިންޖަރުގެ ލަގެޖު ބަލައިފާސްކުރިއިރު ފެނުނު ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން (Amphetamine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 560 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ދާދިފަހުން ވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައެވެ. މި މަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެއްސެއްގެ އަތުން ފެނިފައި ވަނީ ހެރޮއިންއެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
