ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު، ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައި އޮތް ބޮޑެތި ތަކުލީފުތަކަށް މި ސަރުކާރުން ނިމުމެއް ގެނެސްދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ތާރީހުގައި ވެސް ދިވެހި މަސްވެރިންގެ ހާލަތު އެންމެ ގާތުން ބައްލަވައި، އެ ފަރާތްތަކުގެ އަޑުއެއްސެވި ވެރިކަމެވެ. އެގޮތުން ވޭތުވެދިޔަ މުއްދަތަކީ މަސްވެރި އާއިލާތަކުގެ ދިރިއުޅުމަށް ހަގީގީ ދިރުމާއި އުފާވެރިކަން ގެނެސްދިން ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދިމާވެފައި އޮތް އެންމެ ހިތްދަތި މައްސަލައަކީ، ކިރާ މަހަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް މަހެއް ވަންދެން މަޑުކުރަން ޖެހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މިފްކޯއިން މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި އެތައް މިލިއަން ރުފިޔާއެއް ވެރިކަމުގެ ފުރަތަމަ އަހަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި، މިހާރު މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން އަންނަ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، ބޭރު ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގު މަތިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މިނިސްޓަރު އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ވޭތުވެދިޔަ 40 އަހަރު ދުވަހު މަސް ޕްރޮސެސް ކުރަމުން އައީ އެންމެ ކާރުޚާނާއެއްގައި ކަމަށްވުމުން، ބޭރުކުރާ މަހުގެ 85 ޕަސެންޓަކީ ރޯމަސް ކަމުގައި ވިޔަސް، އެކަން ބަދަލުކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި މިހާރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އައު ފެކްޓްރީތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހު ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް މުޅި ރާއްޖޭގައި ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްވެރިން ދަތުރު ދިއުމަށް ބޭނުންވާ އައިސް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ 21 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އައިސްޕްލާންޓް އަދި އެންމެ ވަރުގަދަ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރި ސަރުކާރަށް ވެގެންދާނެ ކަމަށެވެ.