ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރާއިރު، މިއީ ހަމައެކަނި ކަލަންޑަރުން ފާހަގަކޮށްލާ ދުވަހަކަށް ވުރެ ބޮޑަށް މިއީ މުޖުތަމައުގައި ފިރިހެނުން އުފުލަމުންދާ ބުރަ ޒިންމާތަކާ، އެމީހުންގެ ހިތުގައި ފޮރުވިފައިވާ އިހްސާސްތަކާ މެދު ވިސްނާލަން ޖެހޭ މުހިންމު ދުވަހެކެވެ. އާއިލާގެ މާލީ ކަންކަން ހަމަޖެއްސުމާ، ދަރިންނަށް ރަނގަޅު ތައުލީމާއި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތްކުރުމަކީ ގިނަ ފިރިހެނުންގެ އެންމެ ބޮޑު ޒިންމާއެވެ. އަމިއްލަ ބޭނުންތަކާއި އުންމީދުތައް އެއްފަރާތްކޮށް، މައިންބަފައިންނާއި އަނބިދަރިންގެ ބޭނުންތައް ފުއްދައިދިނުމަށް އެމީހުންގެ ގައިން އޮހޮރޭ ދަލަކީ، އާއިލާގެ މޫނުމައްޗަށް ގެނެސްދޭ ހިނިތުންވުމެވެ.
މުޖުތަމައުގައި ޒަމާނުއްސުރެ އަށަގަނެފައިވާ ބައެއް ވިސްނުންތަކުގެ ސަބަބުން، ފިރިހެނުންނަކީ "ވަރުގަދަ" އަދި "އިހްސާސްތައް ބޭރުނުކުރާ" ބައެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. "ފިރިހެނުން ނުރޯނެ" ފަދަ ބަސްތަކުގެ ސަބަބުން، ހިތަށް ކުރާ އަސަރުތަކާއި، މާޔޫސްކަމާއި، ވަރުބަލިކަން ގިނަ ފިރިހެނުން ހިފަހައްޓަނީ ހިތުގެ އެންމެ ފުނުގައެވެ. ޒިންމާތަކުގެ ބުރަކަމާ، މާލީ ދަތިތަކާ، ދިރިއުޅުމުގެ ޕްރެޝަރުތަކާ ކުރިމަތިލާއިރު، އެ ވާހަކަތައް ހިއްސާކުރާނެ މީހަކު ނެތި އެކަނިވެރިކަން އިހްސާސްކުރާ ފިރިހެނުން މަދެއް ނޫނެވެ. ހިނިތުންވުމެއްގެ ފަހަތުގައި އެތައް ހާސް ވޭނެއް ފޮރުވައިގެން އެމީހުން ދިރިއުޅުން ކުރިއަށް ގެންދެއެވެ.
އަންހެނުންނާ އެއްގޮތަށް ފިރިހެނުންނަށްވެސް އެކި ވައްތަރުގެ އަނިޔާތަކާ ކެކުޅުންތަކާ ކުރިމަތިލާންޖެހެއެވެ. އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް ފުރައްސާރަ އާއި މަލާމާތާ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިތުރުން ޖިންސީ އަނިޔާއާވެސް ކުރިމަތިލާންޖެހެއެވެ. ގިނަ ފަހަރަށް މިކަން އޮންނަނީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ފިރިހެނުންނަށް ދިމާވާ އަނިޔާގެ ވާހަކަތައް މުޖުތަމައުގައި އާންމުކޮށް ދެކެވޭ މިންވަރު މަދު، ނަމަވެސް މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ފިރިހެނުން އަނިޔާއާ ކުރިމަތިލާ ގޮތް ނުވަތަ އެކަން އިހުސާސްކުރާ ގޮތް ތަފާތު ވެދާނެއެވެ.
ޖިސްމާނީ އަނިޔާއަށްވުރެ ބޮޑަށް ފިރިހެނުންނަށް ދިމާވާކަމަށް ފާހަގަކުރެވޭ، އަދި ބޭރުފުށުން ފެންނަން ނުހުންނަ އަނިޔާއަކީ ނަފްސާނީ އަނިޔާއެވެ. އެގޮތުން ނަފްސާނީ އަނިޔާ އާންމުކޮށް އަމާޒުކުރަނީ ފިރިހެނާގެ ފިރިހެންވަންތަކަމަށެވެ. އާންމުކޮށް ފިރިހެނުންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފިރިހެންވަންތަ ނުވުމާއި، އެކަށީގެންވާ ވަރަށް ފައިސާ ނުހޯދުމާއި، ބަލިކަށިވުމާ، ނުވަތަ އަނިޔާ ލިބޭ ހިނދު ރުއިން ހިމެނެއެވެ. މިކަމާއި ގުޅިގެން ހެދިފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުން، ގިނަ ފިރިހެނުން ޖިސްމާނީ އަނިޔާއަށް ބިރު ނުގަތް ނަމަވެސް، ނަފްސާނީ އަނިޔާގެ ސަބަބުން ލިބޭ ދަށްކުރުމާއި ލަދުގަތުމަށް، ހާއްސަކޮށް އާންމުންގެ ތެރޭގައި އެކަން ވުމަށް އެމީހުން ބިރުގަނެއެވެ.
ފިރިހެނުންނަށް ދިމާވާ ޖިންސީ އަނިޔާއަކީ މުޖުތަމައުގައި ވަރަށް ބޮޑަށް ފޮރުވިފައި އޮންނަ ހިތި ހަގީގަތެކެވެ. ފިރިހެނުންނަށް މިފަދަ ކަމެއް ދިމާވެގެން ނުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ވިސްނުންތަކުގެ ސަބަބުން، އަނިޔާ ލިބޭ ފިރިހެނުން އެކަން ހާމަކުރަން ލަދުގަނެއެވެ. އަދި އެފަދަ ކަމެއް ދިމާވާ ހާލަތުގައިވެސް އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށް ހީކޮށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެ.
އަނިޔާ ލިބޭ ގިނަ ފިރިހެނުން އެހީތެރިކަން ހޯދަން ޖެހިލުންވާ މައިގަނޑު ސަބަބުތައްކަމުގައި ދިރާސާތަކުން ދައްކަނީ "ފިރިހެނުންނަކީ ހިތްވަރުގަދަ ބައެކޭ" ނުވަތަ "އަންހެނެއްގެ ފަރާތުން އަނިޔާ ލިބުމަކީ ލަދުވެތި ކަމެކޭ" މުޖުތަމައު ދެކޭތީ، މަލާމާތް ލިބިދާނެކަމުގެ ބިރު އޮތުމެވެ. އަދި ކަމާބެހޭ އިދާރާތަކަށް ނުވަތަ ގާތް މީހުންނަށް ކިޔައިދިނަސް، އެ ވާހަކަ ގަބޫލުނުކޮށް، ކުށްވެރިވާނީ ހުދު އެމީހާ ކަމަށް ހީވުމެވެ. މީގެ އިތުރުން އާއިލާ ރޫޅި، ދަރިންނާ ދުރުވާން ޖެހިދާނެތީވެސް ގިނަ މީހުން މިފަދަ އަނިޔާއަށް ކެތްކުރެއެވެ.
މިއީ ހަމައެކަނި ފިރިހެނުންނަށް އާއިލާތެރެއިން ދިމާވާ ގޮންޖެހުންތަކެއް ނޫނެވެ. މިއީ މަސައްކަތު މާހައުލާއި، އެކުގައި އުޅޭ ގާތް އެކުވެރިންގެ ފަރާތުންވެސް ކުރިމަތިލާންޖެހޭ ގޮންޖެހުމެކެވެ. ފިރިހެނުންގެ ދުވަހުގެ އެންމެ މުހިންމު މެސެޖަކަށް ވާންޖެހޭނީ، ފިރިހެނުންނަކީވެސް އިންސާނުންކަމާ، އެމީހުންނަށްވެސް ލޯތްބާއި އަޅާލުމާއި ހިތްވަރު ބޭނުންވާކަން ގަބޫލުކުރުމެވެ. ބައްޕައެއް، ފިރިއެއް، ބޭބެއެއް ނުވަތަ ރަޙްމަތްތެރިއެއްގެ ހާލު އަހާލައި، އެމީހުންގެ ވާހަކަތައް ޖަޖްކުރުމެއް ނެތި އަޑުއަހާލުމަކީ ދެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. ފިރިހެނުންގެ ހަގީގީ ވަރުގަދަކަމަކީ އިހްސާސްތައް ފޮރުވުމެއް ނޫނެވެ. އެއީ ކިތަންމެ ބޮޑު ބުރައެއް އުފުލަން ޖެހުނަސް، ލޯބިވާ މީހުންނަށްޓަކައި ސާބިތުވެ ތިބުމެވެ.


