މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އއ. މާޅޮހު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު (28އ) ގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިންހާޖުގެ ހަށިގަނޑު މިހާތަނަށް ފެނިފައި ނުވާތީ، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހުކުރު ނަމާދަށްފަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރެއްގައެވެ. އޮކްޓޯބަރު 5 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އޮކްޓޯބަރު 6 ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. އަދި އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ.

އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އަނެއް މީހާ އޮކްޓޯބަރު 7 ވަނަ ދުވަހު އއ. ފެރިދޫ ފުއްޓަރާ ދިމާ ކަނޑުމަތިން ފެނިގެން ފެރިދޫ ސިއްހި މަރުކަޒާއި އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މިންހާޖު ހޯދުމަށް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ހިންގި ވަރުގަދަ އޮޕަރޭޝަނުގައި، ހަތަރު ދުވަހުގެ ތެރޭގައި ވައިގެ މަގުން 2,000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކުރި ނަމަވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.