ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށްޓަކައި، އަނިޔާއަށް ހުށަހެޅިފައިވާ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތައް ދެނެގަނެ، އެފަދަ މައްސަލަތައް ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުއްޖަކަށް އަނިޔާ ލިބޭކަމުގެ ނިޝާންތައް ފާހަގަވާނަމަ އެކަން ރިޕޯޓުކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، އަނިޔާ ލިބިފައިވާ ކުދިން އެ އުނދަގޫ ހާލަތުން އަރައިގަނެ، ވިލުންތެރި ބަޔަކަށް ހެދުމަށް ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. އެގޮތުން، ތިމާގެ ފަރާތުން ކުއްޖަކަށް ގެއްލުމެއް ވިޔަނުދިނުމުގެ އިތުރުން، އެހެން މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށް ކޮންމެ ފަރުދަކުވެސް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވުޒާރާއިން ބުންޏެވެ.
މި އަހަރުގެ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މަގޭ ދުވަސް، މަގޭ ހައްގުތައް، މަގޭ މުސްތަގްބަލު" އެވެ. މި ޝިއާރުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އަނިޔާ ލިބިފައިވާ ކުދިންގެ ވާހަކަތައް އަޑުއަހައި، އެ ކުދިންގެ އުންމީދުތައް ހާމަކޮށްދިނުމާއެކު، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޖުތަމައުތަކަށާއި ގާނޫނު ހަދާ ފަރާތްތަކަށް ގޮވާލުމަށެވެ.
