މިދިޔަ ޖޫން މަހަކީ މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރި މަސް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 86 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 53 އަންހެން ކުދިންނާއި 33 ފިރިހެން ކުދިންނަށް ކުރި އަނިޔާގެ މައްސަލަތަކެވެ.
މިއީ މެއި މަހު ރިޕޯޓްކޮށްފައިވާ 80 މައްސަލައާ އަޅާބަލާއިރު އިތުރުވުމެކެވެ. މި އަހަރުގެ އެހެން މަސްތަކަށް ބަލާއިރު، ޖެނުއަރީ މަހު 64 މައްސަލަ އަދި ފެބުރުއަރީ މަހު 74 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
ޖޫން މަހު ހުށަހެޅުނު ކުޑަކުދިންގެ މައްސަލަތަކުގެ ތަފްސީލް:
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.
- ޖިންސީ ގޯނާ ލިބުނު: 25 ކުދިން
- ޖިސްމާނީ އަނިޔާ ލިބުނު: 17 ކުދިން
- އިހުމާލުވެފައިވާ: 14 ކުދިން
- ގަނާގެ ޝިކާރައަށްވި: 9 ކުދިން
- ގެވެށި އަނިޔާކުރާ މަންޒަރު ފެނުނު: 8 ކުދިން
- ނަފްސާނީ އަނިޔާ ލިބުނު: 5 ކުދިން
- ބްލެކްމެއިލް ކުރުން: 3 ކުދިން
- ސައިބާ ގްރޫމިން: 2 ކުދިން
- ކުޑަކުދިން ވަގަށް ނެގުން، ސައިބާ ބުލީން އަދި އޮރިޔާންކާޑުގެ މައްސަލަ: ކޮންމެ ބާވަތަކުން 1 މައްސަލަ
ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން، އެ މިނިސްޓްރީއަށް އެކި ބާވަތުގެ ޖުމްލަ 241 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ގެވެށި އަނިޔާގެ 35 މައްސަލައަކާއި، އާއިލީ މައްސަލަތަކުގެ 29 މައްސަލައެއްގެ އިތުރުން އަހުލާގީ މައްސަލަތަކާ ގުޅޭ 24 މައްސަލައެއް ހިމެނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެހީތެރިކަމަށް އެދި ގުޅާ ހެލްޕްލައިންތަކަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުޑަކުދިންގެ ހެލްޕްލައިން '1412' އަށް 1849 ކޯލް ލިބިފައިވާއިރު، ސޯޝަލް ސާވިސް ހެލްޕްލައިން '1421' އަށް 455 ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާތީ، މިފަދަ ކަންކަމަށް މުޖުތަމައު ހޭލުންތެރިވުމަށާއި، އަނިޔާގެ އެއްވެސް އަމަލެއް ފެނިއްޖެ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
