އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާން މަންމައެއްގެ ތިން ދުވަސް ނުވާ ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެ، ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އުމުރުން 25 އަހަރުގެ އެ މަންމަ ޓިކްޓޮކްގައި ހިއްސާކުރި އަސަރުގަދަ ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ލިބުނު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ނުރުހުމުގައި ދައުލަތަށް ގެންގޮސްފައެވެ. ކައިވެނިން ބޭރުން ލިބުމު މި ކުއްޖާގެ ފޫޅު ވެސް ނުވެއްޓެނީސް މަންމައާ ވަކިކުރިއިރު، ދަރިފުޅަށް ނަން ކިޔައި އާއިލީ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން އާއިލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުއްޖާ ނެގީ ރައްކާތެރިކަމުގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އެ ސިޓީގައިވާ ގޮތުން މަންމަގެ ނަފްސާނީ ބައެއް މައްސަލަތަކާއި، އުފެދުމުގައި އަތުގެ ނުކުޅެދުންތެރިކަން ހުރުމާއި، އެކަނި ދިރިއުޅުމުގެ އިތުރުން އާއިލާގެ އެހީތެރިކަން ލިބެން ނެތުމަކީ ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކެވެ.
ނަމަވެސް އެ މަންމަ ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އަތުގެ އުނިކަމެއް ހުއްޓަސް މީގެ ކުރިންވެސް މަސައްކަތްކޮށްގެން ދިރިއުޅުނުކަމަށާއި، ކުޑަކުދިން ބެލުމުގައިވެސް އުޅުނުކަމަށް ބުނެފައިވެއެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ސުވާލު އުފައްދަނީ ދައުލަތުން ކުދިން ނަގާ މިންގަނޑުތަކާއި ގާނޫނުތަކާ މެދުގައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރަންޖެހޭ ސައްހަ ސަބަބެއް ނޫނެވެ. އަދި ކޯޓު އަމުރެއް ނެތި ކުއްޖާ ނަގައި މިހާރު އެހެން އާއިލާއަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާ މައުލޫމާތާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެއިތުރުން މަގުމަތީގައި އިހުމާލުވެފައިވާ އެތައް ކުދިންނެއް ތިއްބާ، މަންމައަކު ލޯބިން ދަރިފުޅު ބަލަން ބޭނުންވެފައި ހުއްޓައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
