ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސް މަގާމަކަށް ދިވެހިރާއްޖޭގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ނޮމިނޭޓްކޮށްފިއެވެ.

މިކަން ހާމަކޮށް ހެލްތް މިނިސްޓްރީން ބުނީ، މި ނޮމިނޭޝަނަކީ ސަރަހައްދީ ސިއްހީ ދާއިރާގެ ލީޑާޝިޕްގައާއި، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމުގައި ދިވެހިރާއްޖެއިން ހޯދި މުހިންމު ކާމިޔާބީއެއް ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 13 ވަނަ ދުވަހެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި 10 ގައުމެއް ހިމެނޭއިރު، ޑރ. ޖަމްޝީދުގެ އިތުރުން މި މަގާމަށް ދެން ވާދަކުރައްވަނީ ބޫޓާނުގެ ކުރީގެ ބޮޑުވަޒީރު އަދި ހެލްތު މިނިސްޓަރު ސަންގޭ ންގެޑޫޕް، ނޭޕާލްގެ ހެލްތު މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ ކޯޝަލް މިޝްރާ އަދި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހައެވެ.

ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާގައާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމަސީގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު މިހާރު ހުންނެވީ ނޮވެމްބަރު 2024 އިން ފެށިގެން ބަންގްލަދޭޝްގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބުގެ މަގާމުގައެވެ.

ޑަބްލިއުއެޗްއޯގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި ޑރ. ޖަމްޝީދު ވަނީ އެ ޖަމްއިއްޔާއިން އުތުރު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމާއި، ބަންގްލަދޭޝްގައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވްގެ މަގާމުގެ އިތުރުން ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދީ އޮފީސް (ސީރޯ) ގެ ރީޖަނަލް އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއާ ގުޅިވަޑައިގަތުމުގެ ކުރިން، 2012 އިން 2013 އަށް ޑރ. ޖަމްޝީދު ވަނީ ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. މީގެއިތުރުން ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޖަމްޝީދު ވަނީ އިންޑިއާގެ އިންދިރާ ގާންދީ ގަވަމެންޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން އެމްބީބީއެސް ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން ވަނީ މާސްޓާ އޮފް ޕަބްލިކް ހެލްތު ފުރިހަމަކުރައްވާފައެވެ.