ރާއްޖޭގައި "ޑާޒަލެކްސް"ގެ ފޭކް އިންޖެޝަންތަކެއް ހުރިކަން ފާހަގަވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިއުއެޗުއޯ)އިން އިންޒާރެއް ނެރެފި އެވެ.
ޑަބްލިއުއެޗުއޯގެ މައި މަރުކަޒުން މިދިޔަ ހުކުރު ދުވަހު ނެރުނު މި އިންޒާރުގައި ބުނެފައިވަނީ ރާއްޖެ އާއި މެކްސިކޯގައި މި ބާވަތުގެ ފޭކް އިންޖެކްޝަންގެ ދެ ބެޗެއް ހުރި ކަމުގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައި ކަމަށް ޑަބްލިއުއެޗުއޯއިން ބުނެފައި ވެއެވެ. މި ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި، ބައެއް ހޮސްޕިޓަލްތަކުންނެވެ. ހަމަ އެހެންމެ މި ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށް ޑަބްލިއުއެޗުއޯއިން ބުނެފައި ވެއެވެ.
ފޭކް ބޭސްތައް ދެނެގަންނާނެ ގޮތަކީ:
- ބެޗު ނަންބަރު MYS7381 އަދި STV1K01 ހިމެނޭ އިންޖެކްޝަންތަކަކީ ފޭކްތަކެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވޭ
- ރާއްޖެއިން ފެނިފައިވަނީ ބެޗު ނަންބަރު STV1K01
ދެ ބެޗުގެ އިންޖެކްޝަންތަކުގެ ލެބް ޓެސްޓްތައް ހަދާފައިނުވާތީ އޭގެ އަސަރުތައް ދެނެގަނެވިފައެއްނު ނުވި ނަމަވެސް އޭގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކެއް ހުރެދާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ. ރާއްޖޭން ފެނިފައިވާ ބެޗުގެ އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން އިންފެކްޝަން އުފެއްދުމާއި މީހާ ބަލިކޮށްލުން ފަދަ އަމާލާތްތަކެއް ފެނިފައިވާ ކަމަށްވެސް ވެއެވެ.
މިއީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އިންޖެކްޝަނެކެވެ.
މީގެ އިތުރުން ވެސް ޑަބްލިއުއެޗުއޯއިން ވަނީ ސިއްހީ ހިދުމަތްތެރިންނާއި އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ. އަދި މި ބެޗްތަކުގެ ބޭސް ގެންގުޅޭނަމަ ބޭނުން ނުކުރުމަށާއި، ބޭނުން ކުރެވިފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ. ހަމަ އެހެންމެ ބޭސް ގަންނައިރު ހުއްދަ އޮތް ފަރާތްތަކުން ނޫނީ ބޭސް ނުގަތުމަށާއި، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ނުވަތަ ޑަބްލިއުއެޗުއޯގެ [email protected] އަށް ރިޕޯޓް ކުރުމަށް ވެސް އެދިފައި ވެއެވެ.
