ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު މެންދުރުފަހު ހައިކޯޓުގައި ފެށުމަށް ތާވަލު ކޮށްފިއެވެ.
ހައިކޯޓުގެ ރަޖިސްޓރީން ދައްކާ ގޮތުން، މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޝާހިދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން މިއަދު ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވީ ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކަކީ އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދާ މައްސަލަތަކަކަށް ވާތީ، މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު، ފަހުން އޭނާގެ މައްޗަށް ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސާބިތު ނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
