ދިއްގަރު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ސްޓޭޓް ފާމާ އިން ދީފިއެވެ.

ސްޓޭޓް ފާމާއިން މިފަދަ ޔަގީންކަމެއް ދީފައިވަނީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަގްސަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، ދިއްގަރުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައުލޫމާތު އެ ރަށު ކައުންސިލްގެ ފަރާތުން ވަނީ ސްޓޭޓް ފާމާގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓާ ޝާހު މާހިރު ވަނީ، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ފާމަސީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ދަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ޙާލަތު ގާތުން ބަލައި، ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި އަދި އެދެވޭ ހައްލެއް ހޯދައިދިނުމެވެ.