ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ މަގުފަހިކުރުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ހެލްތުކެއާ ފާމަސޫޓިކަލްސް ލިމިޓެޑް (އެޗްޕީއެލް) އާއެކު ސްޓޭޓް ފާމަސޫޓިކަލްސްއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓޭޓް ފާމާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން ބުނީ، މީގެ ސަބަބުން ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އެޗްޕީއެލް ކުންފުންޏަކީ މީގެ 30 އަހަރު ކުރިން ބަންގްލަދޭޝްގައި ގާއިމުކޮށް އީޔޫ، އޮސްޓްރޭލިއާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގެ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ރެގިއުލޭޓަރީ އިދާރާތަކުން ސެޓިފައިކޮށްފައިވާ ކުންފުންޏެކެވެ.

އެ ކުންފުނިން މިހާރުވެސް ދުނިޔޭގެ އެކި ބައްރުތަކުން 32 އަށް ވުރެ ގިނަ ގައުމަށް ބޭސް އެކްސްޕޯޓް ކުރަމުން އަންނައިރު ރާއްޖޭގައި ބޭސް ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސްޓޭޓް ފާމާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ އެކުވެސް މިދިޔަ ހަފުތާގައި އެ ކުންފުނިން ވަނީ މަޝްވަރާތައް ބާއްވައިފައެވެ.