ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ހުޅުމާލޭ އޮރެންޖު ހިޔާގައި ހުންނަ ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއިއެކު ހިންގަމުންދާ އެ ސެންޓަރުގެ އެކި ދާއިރާތައް ބައްލަވާލައްވާފައެވެ. އެގޮތުން، ބަލިމީހުން ބައިތިއްބާ ވޯޑާއި، ލޭ ހަދިޔާކުރާ މީހުންނަށް ހާއްސަ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ މިހާރުގެ ހާލަތު އެމަނިކުފާނު ބައްލަވާލެއްވިއެވެ.
އަދި އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައްވެސް އޮޅުންފިލުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހެލްތް މިނިސްޓަރު ގީލާ އަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ޗީފް ގަވާންމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމުގެ އިތުރުން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. ހަމަ އެހެންމެ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާނޭ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ، ޒިންމާދާރުކަމާއެކު ކުރިއަށްގެންދާނެ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތަކީ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ކުދިންނާއި އާއިލާތަކުގެ އިހުސާސްތައް ގާތުން ބެއްލެވުމަށް ކުރެއްވި ޒިޔާރަތެކެވެ.
އަދި މިއަދަކީ މުޅި ދުނިޔެ އެއްބައިވެ، އިންސާނިއްޔަތުގެ މަތިވެރި ސިފައެއް ކަމުގައިވާ 'ލޭ ހަދިޔާކުރާ މީހުން' ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަސްވެސް މެއެވެ. އަދި މިދުވަހާ ގުޅިގެން ރައީސް ވަނީ ހާއްސަ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ އުމުރުދުވަހަށް ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށާއި، ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި ލޭ ހަދިޔާކުރާ މީހުންގެ ދައުރު ބޮޑުކަމަށް ވިދާޅުވެފައެވެ.
