ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ ހާއްސަ އިނާމު، "ރިވެލި އެވޯޑު 2026" ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން، އެފަދަ ފަރާތްތަކަށް އިގުތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމައު" ސިޔާސަތުތައް ތަންފީޒުކުރުމަށް ޓަކައި ހިންގާ މުހިންމު ގައުމީ ހަރަކާތެކެވެ.

މިއަހަރުގެ އެވޯޑު 6 ދާއިރާއަކުން ދިނުމަށް ހުޅުވާލުމުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހެޅިއެވެ. އޭގެ ތެރެއިން އެވޯޑު ހާސިލުކޮށްފައިވަނީ 8 ފަރާތަކުންނެވެ.

ރިވެލި އެވޯޑު 2026 ހާސިލުކުރި ފަރާތްތައް:

  1. އަލީ ސަމީމް (ހދ. ކުރިނބި / ރިހިވެލި) – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  2. މުހައްމަދު ނާހިލް ސަލާމް (ސ. މަރަދޫ / އަސްރުމާގެ) – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  3. އާއިޝަތު ޝަފީގު (ހ. ޝަފީގުގެ) – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  4. އަބްދުއްރައްޒާގު އަބްދުއްސަމަދު (ށ. ބިލެތްފަހި / ހަވީރީނާޒް) – ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދިނުމުގެ ދާއިރާ
  5. އަމީނިއްޔާ ސްކޫލް – ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
  6. ފާތިމަތު މުހައްމަދު (ހދ. ކުޅުދުއްފުށި / އަލްފާ) – ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
  7. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) – އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ
  8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް – އިގުތިސާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ

މީގެއިތުރުން ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ، އެންދެރިމާގެ، އިސްމާއީލް ރާހިލްގެ އެ ތާރީހީ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީން ވަނީ އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިފަދަ ގައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމައުގައި އެ ފަރާތްތައް ބާރުވެރިކުރުވާ، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން މުޖުތަމައުގައި ފުޅާކޮށް، އެންމެން ޝާމިލުވާ އޯގާތެރި މާހައުލެއް ގާއިމުކުރުމެވެ.