މާލެ ސަރަހައްދުގައި މިހާތަނަށް ބިނާކުރި ފަސް ތަރީގެ އެންމެ ބިޔަ ހޮޓާ، "މަންހަޓަން ގްރޭންޑް" ރޭ ކުލަގަދަ ހަފުލާއަކާ އެކު ރަސްމީކޮށް ހުޅުވައިފިއެވެ. މި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެތަން ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ، ވެމްކޯ ކައިރީގައި ހުންނަ ނުވަ ބުރީގެ މި ހޮޓަލަކީ 162 ކޮޓަރީގެ ޖާގަ ތަނަވަސް ހޮޓަލެކެވެ. މީގެއިތުރުން ހަތަރު ރެސްޓޯރަންޓަކާއި، ދުނިޔޭގެ މަޝްހޫރު ކާބޯތަކެތީގެ ހަތަރު ބްރޭންޑެއް މިތަނުގައި ހިމެނެއެވެ. އަދި ބޮޑެތި ބައްދަލުވުންތަކާއި އެއްވުންތަކަށް ހާއްސަކޮށްގެން ހަދާފައިވާ ތިން މާލަމާއި، ސްވިމިން ޕޫލަކާއި، ކަސްރަތު ކުރާ ތަނެއްގެ އިތުރުން ސްޕާއެއްވެސް އެތަނުގައި ވަނީ ގާއިމުކޮށްފައެވެ. މިތަން މިހާރު ހުޅުވާލާފައިވާއިރު، ބައިނަލްއަގުވާމީ 12 ވައިގެ ދަތުރުފަތުރު ކުންފުންޏަކާ އެކު ގުޅުން ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި އިމާރާތަކީ އެސްޓީއޯ އަށް ބޭރު ފައިސާ ހޯދުމުގެ މަގުސަދުގައި މީގެ ވިއްސަކަށް އަހަރު ކުރިން ފެށި މަސައްކަތެކެވެ. އެމެރިކާގެ ކުންފުންޏަކާ އެކު 2008 ގައި ސޮއިކޮށް، 2012 ގައި އަމަލީ މަސައްކަތް ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ 2013 އަށް އެތަން ނިންމޭ ގޮތެއް ނުވިއެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހޭދަވި މި ބޮޑު މަޝްރޫއު އެތައް އަހަރަކަށް ހުއްޓިފައި އޮތުމަކީ ހިއްސާދާރުންނާއި އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެފައެވެ.
އެހެންނަމަވެސް، ރައްޔިތުންގެ ފައިސާ ހަރަދުވެފައިވާ މިފަދަ ބޮޑު ތަނަކުން ދައުލަތަށް އަވަހަށް ފައިދާ ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެކެވެ. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން، އެސްޓީއޯ އަށް ލިބެންޖެހޭ އަގުގެ ބަދަލެއްގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ދިނުމަށްފަހު، މި އިމާރާތް އެޗްޑީސީގެ ދަށަށް ގެނައެވެ.
އޭގެ ފަހުން މިދިޔަ އަހަރު މި މަސައްކަތް ހަވާލުކުރީ ވޯލްޑް އޮފް ބިޒްނަސް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުނިން ޔޫއޭއީގެ ހިއްސާއާ އެކު މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލިއިރު، ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށް ބޭނުންވާ ޖާގަތައްވެސް ވަނީ އެތަނުގައި ތަރައްގީކޮށްދީފައެވެ. މިއީ ރާއްޖޭގެ މެހުމާންދާރީގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
