ނޫސްވެރިކަމުގެ ކުރިމަގު ރައްކާތެރިކުރުމަށްޓަކައި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފަހައްޓަންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓާ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ބެއިޖިންގުގައި މިހާރު ކުރިއަށްދާ ހަތްވަނަ ވޯލްޑް މީޑިއާ ސަމިޓު ފެށުމުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު މައުލޫމާތު ފެތުރުން އަވަސްވި ނަމަވެސް، އޭގެ ސަބަބުން ދޮގު ހަބަރާއި ހަގީގަތް އޮޅުވާލުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ހާއްސަކޮށް އާންމުން އުފައްދާ އެކި ބާވަތުގެ ކޮންޓެންޓްތަކުގައި ނޫސްވެރިކަމުގެ ހަމަތައް ނުހިފެހެއްޓުމުގެ ސަބަބުން މުޖުތަމައު ނުރައްކަލަށް ހުށަހެޅެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މީޑިއާތައް އެއްގަލަކަށް އެރުވުމަށް ޗައިނާގެ ޝިންހުއާ އިން ކުރާ މަސައްކަތްތައް ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް އެކި ގައުމުތަކުގައި ތަފާތުއިރު، އެކަކު އަނެކަކަށް އެހީތެރިވެ މައުލޫމާތާއި އިލްމު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރު ހަލީލު ވިދާޅުވީ ހަމައެކަނި ވާހަކަދައްކައި މަޝްވަރާކޮށްލުމަކުން މި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ހަގީގަތުގެ މައްޗަށް ބިނާވެފައިވާ އިތުބާރުހުރި މީޑިއާގެ މާހައުލެއް ގާއިމުކުރުމަށްޓަކައި، އެންމެން ގުޅިގެން އަމަލީ ފިޔަވަޅުތަކެއް އަޅައި، މީޑިއާގެ ދާއިރާއިން މީހުން ތަމްރީނުކުރުން އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.