ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ނަގާ ހުރިހާ ބިމެއް، އެމަނިކުފާނުގެ ވެރިކަމެއްގައި އަނބުރާ ކައުންސިލްތަކަށް ހަވާލުކުރައްވާނެ ކަމަށް ކުރީގެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، "މިގޮތަށް ނަގާހުރިހާ ބިމެއް، އަޅުގަނޑުގެ ވެރިކަމެއްގައި الله ގެ އިރާދަފުޅާއިއެކު ކައުންސިލްތަކަށް އަނބުރާ ހަވާލު ކުރާނަން،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސްކުރި މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހެކެވެ. ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަގުލަބިއްޔަތުން މި ބިލު ފާސްކޮށްފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށެވެ.
ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން، ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ހާލަތެއްގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށޭނަ މާލީ ބަދަލެއް ދޭންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހާ މެދު ނުރުހުން ފާޅުކުރައްވަމުން ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ ބަހެއް ނެތި ރަށްރަށުގެ ބިންތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
