ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާތީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެ ސަރަހައްދުތަކުގެ ހާލަތު މޮނިޓަރު ކުރަން ފަށައިފިއެވެ.
އެންޑީއެމްއޭ އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމުގެ ރިޕޯޓުތައް އެ އޮތޯރިޓީއަށް ދަނީ ލިބެމުންނެވެ.
އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާކަމަށެވެ.
އެގޮތުން މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ މި އަތޮޅުތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން މޮނިޓާކުރަމުންދާކަމަށެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑު އާއި ފުވައްމުލަކަށް މިއަދު ވަނީ މެޓް އޮފީހުން އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
އަދި ހަމަ އެހެންމެ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ހަފްތާ ބަންދުގައި ވައިބާރުވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މޫސުން އަލިވާން ފަށާނީ އަންގާރައިން ފެށިގެން ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މީގެ ކުރިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މިއީ ކުއްލިއަކަށް ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ވިލާގަނޑެއްގެ އަސަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
