ކެންޔާގެ ޖަންގަލީގައި ބަނޑަށްޖައްސައިގެން 191 މީހުން މަރާލި ކަމުގެ ކުށް، އެ ގައުމުގެ ކަލްޓް ލީޑަރެއް ކަމަށްވާ ޕޯލް މެކެންޒީގެ މައްޗަށް ސާބިތުވެއްޖެއެވެ.
މަރުވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބީ ހުސް ކުޑަކުދިންނެވެ. މެކެންޒީ ވަނީ އޭނާއަށް ތަބާވާ މީހުންގެ ކުދިން "އީސާގެފާނާ ބައްދަލުކުރުމަށް" ބަނޑަށްޖައްސައިގެން މަރާލުމަށް އަންގާފައެވެ. މީގެ އިތުރުން އޭނާގެ ކަލްޓްގެ އިސް 28 މީހެއްގެ މައްޗަށް ވެސް މީހުން މެރުމުގެ ކުށް ވަނީ ސާބިތުވެފައެވެ. އެ މީހުން ވަނީ އެއްވެސް މީހަކަށް މަރުވުމަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް ބުނެ، ކުށަށް އިންކާރުކޮށްފައެވެ.
މޮމްބާސާގެ ކޯޓެއްގައި އަށް ގަޑިއިރަށް ދެމިގެންދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި، ފަނޑިޔާރު ޑަޔާނާ މޮޗާޗޭ ވިދާޅުވި ގޮތުގައި، މެކެންޒީއަށް ތަބާވި މީހުން ގަބޫލުކުރީ އޭނާއަކީ އީސާގެފާނުގެ ފަރާތުން ވާހަކަދައްކާ މީހާ ކަމަށެވެ. މެކެންޒީއާއެކު ދައުވާ ލިބުނު މީހަކު ބުނި ގޮތުގައި، ރޯދައަށް ހުރުމަށް އަންގާ އެންގުމާ ދެކޮޅުހަދާ ކޮންމެ މީހަކަށް އަނިޔާކޮށްގެން ވެސް ސުވަރުގެއަށް ފޮނުވުމަށް މެކެންޒީ އޮތީ އަންގާފައެވެ.
ކަލްޓް ހިންގި ޝަކަހޯލާ ޖަންގަލީގެ ތެރޭގައި މީހުން ވަޅުލުމަށް ކިޔާފައިވަނީ "ކައިވެނި" ކުރުމުގެ ނަމުންނެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، މަރުވި މީހުންނަކީ އީސާގެފާނާ ކައިވެނިކުރި މީހުން ކަމަށް ބަލައި އެކަން ފާހަގަކުރިއެވެ. މައްސަލައިގެ ހެކިވެރިއަކު ބުނި ގޮތުގައި، އަލަށް ވިހޭ ދަރިފުޅަށް ގާތުން ކިރުދިނުން މާބަނޑު އަންހެނަކަށް މަނާކުރުމުން، 12 ދުވަސް ފަހުން އެ ކުއްޖާ ވަނީ މަރުވެފައެވެ. އަދި އެ އަންހެންމީހާއަށް އެންގީ މަރުވަންދެން ރޯދައަށް ހުރެ އޭނާގެ ކުދިންގެ ފަހަތުން ދިއުމަށް ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
މެކެންޒީ ހައްޔަރުކުރީ 2023 ވަނަ އަހަރު، ކެންޔާގެ އައްސޭރިފަށާ ކައިރީގައި އޮންނަ ޝަކަހޯލާ ޖަންގަލީގައި ހުރި ކަށްވަޅުތަކަކުން 400 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ. ކަށްވަޅުތައް ކޮނުމުގެ މަސައްކަތަށް ކައިރި ރަށަކުން 17 ފިރިހެނުން ހޯދިއިރު، ބައެއް މީހުންނަށް ދުވާލަކު ދީފައިވަނީ 8 ޑޮލަރެވެ. ކަށްވަޅުތައް ކޮނުމުގެ މަސައްކަތުގައި އުޅުނު ޖޭމްސް ނަމަކަށް ކިޔާ މީހަކު ބީބީސީއަށް ބުނި ގޮތުގައި، ފެނުނު ކޮންމެ ކަށްވަޅެއްގައި މަދުވެގެން ތިން މީހުންގެ ހަށިގަނޑު އޮތެވެ. އޭގެ ތެރޭގައި އުފަންވިތާ މަދު ހަފުތާތަކެއް ވެފައިވާ ކުޑަކުދިންގެ ހަށިގަނޑުތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
އަދި އެއް ކަށްވަޅެއްގެ ތެރެއިން 12 ކުއްޖެއްގެ ހަށިގަނޑު ފެނުނު ކަމަށާއި، އެ ހަށިގަނޑުތައް އަތުރާފައި ހުރީ އަންނައުނުތަކެއް ފަދައިން އެކެއްގެ މައްޗަށް އަނެކަކު ވާގޮތަށް ކަމަށް ޖޭމްސް ބުންޏެވެ. ބައެއް ކުދިންގެ އަތާއި ފައި ބަނދެ، ބެޑްޝީޓުން އޮޅާފައިވާ ކަމަށް ވެސް ކަށްވަޅު ކޮނުނު މީހުން ބުނެފައިވެއެވެ.
މި ހާދިސާގައި އޭނާގެ ހަ ކުދިން ގެއްލުނު ކަމަށް ބުނާ އުމުރުން 48 އަހަރުގެ ސްޓީވަން މްވިޓީ ބުނީ، ކުށްވެރިވި އެންމެންގެ މައްޗަށް ކުށް ސާބިތުވުމުން އުފާކުރާ ކަމަށެވެ. މެކެންޒީއާއެކު ކުށް ސާބިތުވި މީހުންގެ ތެރޭގައި މްވިޓީގެ ކުރީގެ އަނބިމީހާ ވެސް ހިމެނެއެވެ. ޖަންގަލިން ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 23 އަހަރުގެ ޕީޓަރ ޝުކްރާނީ ބުނި ގޮތުގައި، އޭނާ ބަލިވުމުން ބޭސްކުރުން މަންމަ މަނާކުރީ މެކެންޒީގެ އަންގާފައިވާ ގޮތުގެ މަތިންނެވެ. ނަމަވެސް، ޝުކްރާނީ އަދިވެސް ގަބޫލުކުރާ ގޮތުގައި މެކެންޒީއަކީ އޭނާއަށް އަޅާލާ ރަނގަޅު މީހެކެވެ. އަދި މީހުންނަށް ރޯދައަށް ހުރުމަށް މެކެންޒީ މަޖުބޫރު ނުކުރާ ކަމަށާއި، އެއީ މީހުން އަމިއްލައަށް ނިންމި ނިންމުންތަކެއް ކަމަށް އޭނާ ބުންޏެވެ.
މެކެންޒީގެ ދަރިފުޅު ޑޭން ޕޯލް މެކެންޒީ ބުނީ އޭނާގެ ބައްޕަގެ މައްޗަށް މީހުން މެރުމުގެ ކުށް ސާބިތުވާން ޖެހޭނެ ކަމަށެވެ. މެކެންޒީ ވަނީ 2003 ވަނަ އަހަރު "ގުޑް ނިއުސް އިންޓަނޭޝަނަލް މިނިސްޓްރީޒް" ގެ ނަމުގައި ޗާޗެއް އުފައްދާފައެވެ. އޭގެ ފަހުން އައި 16 އަހަރުގެ ތެރޭގައި އެ ޗާޗުގެ މަގުބޫލުކަން އިތުރުވެ، ކެންޔާގެ އެކި ކަންކޮޅުތަކުގައި ހުރި ގޮފިތަކުން އެތައް ހާސް ބަޔަކު ވަނީ އޭނާއަށް ތަބާވެފައެވެ. މެކެންޒީގެ ޗާޗުން "ޓައިމްސް ޓީވީ" ގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހިންގިއިރު، މަލިންޑީގައި ހުންނަ ޗާޗުގައި އޭނާ ދޭ ދަރުސްތައް އެ ޗެނަލުން ދުރަށް ދައްކާފައިވެއެވެ. އޭނާގެ ދަރުސްތަކުގައި ތައުލީމަކީ ނުބައި އެއްޗެއް ކަމަށާއި، ސިއްހީ ފަރުވާއަކީ ދީނާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ "ޝައިތާނާގެ ނިޝާން" ކަމަށް ވެސް އޭނާ ސިފަކޮށްފައިވެއެވެ.
2019 ވަނަ އަހަރު މައި ޗާޗު ބަންދުކުރުމަށްފަހު، މެކެންޒީ ވަނީ އޭނާއަށް ތަބާވާ މީހުން ގޮވައިގެން ޝަކަހޯލާ ޖަންގައްޔަށް ބަދަލުވެފައެވެ. އެ ޖަންގަލީގައި އެ މީހުން ދިރިއުޅުނީ ޗަކައިން ހަދާފައިވާ ގެތަކެއްގައެވެ. ކަލްޓްގެ މީހުން ގިނައިން ޝަކަހޯލާ ރަށަށް ގޮސް ސާމާނު ގަނެ، އެ ރަށު ތެރެއިން ދައުރުވާ ގަލާނާ ކޯރުން ފެން ނަގާ ހެދުމުގެ ސަބަބުން، މަރުވި ބައެއް މީހުންނަކީ އެ ސަރަހައްދުގެ މީހުންނަށް ދަންނަ މީހުންނެވެ. ކަށްވަޅު ކޮނުނު ސާލިމް ކަރީސާ ބުނި ގޮތުގައި، ބައެއް ފަހަރު ސައިކަލުތަކުގައި ޖަންގަލީގެ ތެރެއަށް މީހުން ގެންގޮސްދިން ނަމަވެސް، އެތަނުގެ އެތެރޭގައި ހިނގަމުންދިޔަ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ.
މެކެންޒީގެ ސަލާމަތީ ކަންކަމާ ހަވާލުވެ ހުރި އެނޯސް އަމާންޔާ ންގާލާގެ މައްޗަށް ފުރަތަމަ ދައުވާކުރި ނަމަވެސް، ފަހުން އޭނާ ވަނީ ދައުލަތާއެކު އެއްބަސްވުމަކަށް އައިސް ދައުލަތުގެ ހެކިވެރިއަކަށް ބަދަލުވެފައެވެ. ފެނުނު ގިނަ ހަށިގަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައިވުމުގެ ސަބަބުން، އެއީ ކޮން ބައެއްކަން އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ކޯޓު ލިޔުންތަކުގައި ބައެއް ކުދިންނަށް އިޝާރާތްކޮށްފައިވަނީ "ކާކުކަން ނޭނގޭ ފިރިހެން ކުއްޖާ" ފަދަ ނަންނަމުންނެވެ.
މީހުން މެރުމުގެ ކުށުގެ އިތުރުން، ޓެރަރިޒަމާއި، ހަރުކަށި ފިކުރު ފެތުރުމާއި، ކުޑަކުދިންނަށް ތައުލީމު ދިނުމަށް ހުރަސްއެޅުމުގެ ދައުވާތައް ވެސް މެކެންޒީއާއި ކަލްޓްގެ އެހެން ލީޑަރުންގެ މައްޗަށް އުފުލާފައިވެއެވެ. މިއީ މީހުން މެރުމުގެ ބޮޑު ދައުވާއެއްގައި މެކެންޒީގެ މައްޗަށް ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ ނޮވެންބަރު 6 ގައެވެ.
