ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިޖީސީއެސްއީ އިނގިރޭސި ލިސްނިން އިމްތިހާނާ ގުޅިގެން، މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް ވަގުތީ ގޮތުން އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރެއްވި ގޮތުގައި، މި މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 09:15 އިން ފެށިގެން 10:30 އަށެވެ. މި ނިންމުމަކީ އިމްތިހާނު ހަދަމުންދާ ވަގުތު ދަރިވަރުންނަށް އަމާން އަދި ހަމަހިމޭން މާހައުލެއް ފަހިކޮށްދިނުމުގެ މަގުސޫދުގައި ނިންމާފައިވާ ނިންމުމެކެވެ.
ފުލުހުން ވަނީ، އިމްތިހާނު ކުރިއަށްދާ ވަގުތު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އެ ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަވާ އަދި ދަރިވަރުންނަށް އުނދަގޫވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންގެ މަސައްކަތްތަކަށް ލިބެމުންދާ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
