މަސްވެރިކަން ތިޔާގިވާ ދުވަސްވަރު މަސްވެރިންނަށް ކުރިމަތިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓްތަކެއް ބެހެއްޓުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއަދު ސޮއިކުރި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ "އަލްޓަސް އޮއިލް އެންޑް ގޭސް" ކުންފުންޏަށެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ސޮއިކުރެއްވިއިރު، މެލޭޝިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސް ދެ ވެރިން ކަމަށްވާ ވިޖޭ ކޭ ޕިލާއީ އަދި މުހައްމަދު ތައުފީގު ބިނޮތްމާންއެވެ.
އުތުރާއި ދެކުނުގެ މަސްވެރި އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ވަސީލަތްތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހުޅުދެލި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް އަދި ހުވަދުއަތޮޅުން ގއ. މާމެންދޫ، ނިލަންދޫ، ވިލިނގިލީގެ އިތުރުން ގދ. ރަތަފަންދޫގައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު މިހާރުވެސް ދުވާލަކު 1,700 ޓަނުގެ އައިސް އުފެއްދޭ މިންވަރަށް ޖާގަ އެބަހުރި ކަމަށެވެ. ނަމަވެސް އޮޑިދޯނިފަހަރު ފުރެންދެން މަސް ބާނާ މޫސުމުގައި މި އަދަދަކީ އެކަށީގެންވާ މިންވަރެއް ނޫންކަން ފާހަގަކުރައްވަމުން، އަލަށް ގާއިމުކުރާ ކޮންމެ ޕްލާންޓަކުން ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނު ރައްކާކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ މަސްވެރިންނަށް ކުރިމަތިވެފައިވާ ތާށިކަމަށް ލިބޭނެ ދާއިމީ ހައްލެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ މާހައުލާ ރައްޓެހި ގޮތަށް ލޮނުފެނުން ފިނިކޮށްގެން ހިންގާ ޒަމާނީ "ޓިއުބް އައިސް" ޓެކްނޮލޮޖީއެވެ. މި ޕްލާންޓްތަކުގެ ޑިޒައިނުން ފެށިގެން، ތަކެތި ގެނައުމާއި، ބިނާކޮށް ޓެސްޓްކުރުމުގެ އިތުރުން ހިދުމަތް ދޭން ފެށުމަށްފަހު ދޭންޖެހޭ ވޮރަންޓީއާއި މަރާމާތުގެ އެންމެހާ ޒިންމާތައްވެސް އުފުލާނީ ކޮންޓްރެކްޓަރެވެ.
މި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް އާމާއެކު، ބޭނުންވާ މިންވަރަށް ތާޒާ އައިސް ކައިރި ހިސާބުތަކުން ލިބިގެންދާނެކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީއިން ބުނެއެވެ.
