ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދާފައިވަނީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގްބާލް އެވެ. ފުލުހުން ބުނީ އިގްބާލް ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ 08:48 ހާއިރު ކަމަށެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައި ވަނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ނިކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތް އިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ފަރާތްތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފުލުހުން ބުނީ އިގްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 ހާއިރު އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި ކައިރިން ކަމަށެވެ.

އަދި އޭނާ ފެނިފައިވަނީ، އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނިކުމެ އުޅުނު ބަޔަކަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކާ އަދި އޭނާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.