ރަނގަޅު އެހެން ގޮތެއް ދިނުމަކާ ނުލައި، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަމުން ނެރެން ބޭނުންވި ހައްލު ނުލިބޭ ކަމަށާއި، އެއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކަމެއް މަނާކުރުމުގެ މައިގަނޑު މަގުސަދަކަށް ތަކުލީފެއް ކުރިމަތިކުރުމުގެ ބަދަލުގައި އެކަމަށް އަމަލީ ގޮތުން ކުރިއެރުން ލިބޭނެ ރަނގަޅު ހައްލެއް ހޯދައިދިނުން އޮންނަން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޕްލާސްޓިކް ހޮޅީގެ ބަދަލުގައި މިހާރު ބޭނުންކުރާ ކަރުދާސް ހޮޅިއާ މެދު އާންމުންނާއި ކެފޭ/ރެސްޓޯރަންޓްތަކުން ގިނަ ޝަކުވާތަކެއް ކުރެއެވެ. އެގޮތުން އެކި ފެންވަރުގެ ކަރުދާސް ހޮޅި ބާޒާރުގައި ހުރުމާއި، އެތެރެކުރާ ކަރުދާސް ހޮޅީގެ ފެންވަރު ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ކަރުދާސް ހޮޅިތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބޭނުންކުރަން އުނދަގޫވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރުދާސް ހޮޅި އުފެއްދުމަށް ބޭނުންކުރާ ކަރުދާހާއި ތެރަހުގައި ސިއްހަތަށް ނުރައްކާވެދާނެ މާއްދާތަކެއް ހުރެދާނެތީ އުފެދޭ ކަންބޮޑުވުންތައްވެސް ގިނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެންމެ މަތީ ފެންވަރުގެ ކަރުދާސް ހޮޅި އެތެރެކޮށް ބޭނުންކުރަން މަޖުބޫރުކޮށްފިނަމަ، އެކަމުގެ އަސަރު އާންމުންގެ "ސައި ބިލަށް" ވެސް ކުރާނެ ކަމަށާއި، އެއީ ވިޔަފާރިވެރިންނާއި އާންމުން އުފުލަންޖެހޭ އިތުރު ތަކުލީފަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި އުފެއްދުން 2021 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ އުސޫލު ބަދަލުކޮށް، ޕްލާސްޓިކް ހޮޅި މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ފަސްކޮށްފައެވެ.މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް ހޮޅި އަލުން ބޭނުންކުރުމަށް މުޅިން ތާއީދު ކުރައްވަނީ ނޫން ކަމަށާއި، ނަމަވެސް އިތުރު ވަގުތު ނަގައިގެން ނަމަވެސް އެކަމަށް ތިމާވެއްޓާއި ސިއްހަތަށް އެންމެ ފައިދާހުރި، ފެންވަރު ރަނގަޅު ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
