ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ އަންހެނުން ވިހެއި އެއްމާބަނޑު ދެ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވިހޭތަނުން ހޮސްޕިޓަލުގައި އޮއްވާ އެއްމާބަނޑު ދެ ކުދިން ދައުލަތަށް ނަގާފައިވަނީ މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މި ދެ ކުދިންގެ އިތުރުން، ކުރިން ވެސް އެ ދެމަފިރިންގެ އިތުރު ދެ ކުއްޖަކު ވަނީ ދައުލަތުން ނަގާފައެވެ. އެފަހަރު ދައުލަތުން ނަގާފައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ބުނާ ތިން އަހަރުގެ އަންހެން ކުއްޖާ އާއި އެ މީހުންގެ ފިރިހެން ދަރިފުޅެވެ.

ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން، 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރިއިރު އަންހެނުން އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާ އަދިވެސް ބަންދުގައި ހުރިއިރު މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ އިތުރުން މަންމަ ވެސް ބައިވެރިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެހެންކަމުން، މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި އެކަން އޮތީ ކިހާ މިންވަރަކަށްތޯ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އަނެއްކޮޅުން، އާއިލާގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ، ކުދިންނާ މެދު ގޮތެއް ނިންމަން ކަމަށް ބުނެ ހޮސްޕިޓަލަށް ދިއުމަށް ފަހު، އާއިލާއިން ކުދިންނާ ހަވާލުވާން ތިއްބާ އޮޅުވާލައިގެން އެ ކުދިން ގެންދިޔައީ ކަމަށެވެ.