ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި އާންމު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކުރުމެވެ. އެގޮތުން ހދ. ކުނބުރުދޫގައި ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ މަޝްރޫއެކެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމި މުހިންމު ސިޔާސަތެއް މިހާރުގެ ސަރުކާރުން ތަންފީޒުކުރަން ފެށުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމަކީ ސިޔާސީ ގޮތުން ފެންނަ ބޮޑު ފުށުއެރުމެކެވެ.
ހދ. ކުނބުރުދޫއަކީ ކުރިން މީހުން ދިރިއުޅުނު، ނަމަވެސް ފަހުން ނޮޅިވަރަމްފަރަށް އެ ރަށުގެ މީހުން ބަދަލުކުރުމާ ގުޅިގެން ފަޅުރަށެއްގެ ގޮތުގައި އޮތް ރަށެކެވެ. އަދި އެ ރަށަކީ ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އާލާވެ ދިރިއުޅޭ މުހިންމު ވެއްޓެއް ވެސް މެއެވެ. ޒޯން 1 (ހއ، ހދ، އަދި ށ. އަތޮޅު) ގެ ކުނި މެނޭޖްކުރުމުގެ ސަރަހައްދީ ނިޒާމުގެ ދަށުން، ކުނި ޖަމާކޮށް ބަދަލުކުރާ މަރުކަޒެއްގެ ގޮތުގައި ކުނބުރުދޫ ކަނޑައެޅުއްވީ ޑިސެމްބަރު 31، 2019 ގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރަކުންނެވެ.
މި ނިންމުމުގެ އަސާސަކީ އުތުރުގެ ރަށްރަށުގެ ގޮނޑުދޮށްތަކަށާއި މޫދަށް ކުނި އެޅުން ހުއްޓުވައި، ކުނި އެއްތަނަކަށް އެއްކޮށް، ތަރުތީބުކޮށް، ކުޑަކޮށް ބޭލްކުރުމަށްފަހު ރ. ވަންދޫ ނުވަތަ ތިލަފުށްޓަށް ގެންދިއުމުގެ މަރުކަޒީ ނިޒާމެއް ގާއިމުކުރުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގައުމީ މަސްލަހަތު އިސްކުރައްވައި، އުތުރުގެ ތިން އަތޮޅުގެ ޒަމާންވީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ކުނބުރުދޫގައި ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އެގޮތުން މެއި 20، 2024 ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީން ވަނީ 101.9 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް ގެއްލުން ކުޑަވާނެހެން ޒަމާނީ ވަސީލަތްތަކާއެކު ޖެޓީ ހެދުމާއި، ވޭސްޓް ޕްރޮސެސިން އިމާރާތްތަކާއި، ކުނި ކޮމްޕެކްޓްކޮށް ބޭލްކުރާނެ ވަސީލަތްތައް ގާއިމުކުރެވި، ވެމްކޯ މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުފުލުމުގެ ލޮޖިސްޓިކްސް ހަމަޖެހިގެންދާނެއެވެ.
ނަމަވެސް، މިދިޔަ މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުނި މެނޭޖްކުރުމަށް ކުނބުރުދޫ ބޭނުންކުރުމަށް ވެމްކޯއިން ވިސްނި ހިސާބުން އިދިކޮޅު ފަރާތްތަކުން ވަނީ މި މުޅި މަޝްރޫއާ މެދު ސުވާލު އުފައްދައި ފާޑުކިޔަން ފަށާފައެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެ މައްސަލައިގައި ކުނބުރުދޫގައި ކޮންކްރީޓް ފަންގިފިލާއެއް ނެތުމުން ވިހަ ފެން ބިމަށް ހިނދި ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބަޔާންކުރެއްވި ނަމަވެސް، މަޖިލީހުގެ 27 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެ މައްސަލައަށް ތާއީދުކުރެއްވީ އެންމެ 7 މެންބަރުންނެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ މާލެ ސަރަހައްދުގައި ފަޅުތައް ހިއްކަމުންދާއިރު، އުތުރުގެ ގުދުރަތީ ރީތި ރަށަކަށް މުޅި ގައުމުގެ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެންވާރަންމަންޓް މިނިސްޓަރު އަލީ ޝަރީފް އެކްސްގައި ވިދާޅުވީ، ކުނބުރުދުއަކީ އެމްޑީޕީގެ ސަރުކާރުގައި 2019 ވަނަ އަހަރު ރައީސް ސޯލިހް އަމިއްލަފުޅަށް ޒޯން 1 ގެ ޓްރާންސްފާ ސްޓޭޝަނެއްގެ ގޮތުގައި ކަނޑައެޅުއްވި ރަށެއް ކަމަށެވެ. އެ ނިންމުމަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނިންމާފައިވާ އިސްތިރާޖީ ނިންމުމެއް ކަމަށް ބެލެވޭތީ، ރައީސް ޑރ. މުއިއްޒު ނިންމެވީ އެ ނިންމުމަށް އިހުތިރާމްކުރައްވައިގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ގައުމީ ހާލަތްތަކުގައި ޒޯންތައް ހުރަސްކޮށް (ކްރޮސް ޒޯން) ކުނި އުފުލުމަކީ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކުނބުރުދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމަކީ އުތުރުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރީގެ ސަރުކާރުން އެކަށައަޅައި، މިހާރުގެ ސަރުކާރުން އަމަލީ ސިފަ ގެންނަމުންދާ މުހިންމު ގައުމީ މަޝްރޫއެކެވެ. އަމިއްލަ ވެރިކަމުގައި ނިންމި ރަނގަޅު ނިންމުމެއް، އަނެއް ސަރުކާރުން ތަންފީޒުކުރަން ފެށުމުން ސިޔާސީ ބޭނުމަށްޓަކައި ދެކޮޅުވެރިވުމުގެ ބަދަލުގައި، މިފަދަ ކަންކަމުގައި ގައުމާއި ރައްޔިތުންގެ ލާބައަށް އިސްކަންދިނުން މާ މުހިންމެވެ.


