ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ވިލުންވެށި ޕްރޮގްރާމް" ފުޅާކޮށް، ކުންފުނިތަކަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތަ އާއި ބެހޭ ވުޒާރާ އާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ޕްރޮގްރާމަށް ލިބެމުންދާ ތަރުހީބު ރަނގަޅުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ތަރުހީބަށް ބެލުމަށްފަހު ވިލުންވެށި ޕްރޮގްރާމްގެ އިތުރު ޕްރޮޕޯޒަލްތަކަށް އަންނަ އަހަރު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މި ޕްރޮގްރާމްގެ ދަށުން ފުރުސަތު އޮންނަނީ ވަކިވަކި ފަރުދުންނަށް ކަމަށްވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ފުޅާކޮށް ކުންފުނިތަކަށްވެސް ފުރުސަތު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ރާވާފައިވާ ގޮތުން، ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް 100,000 ރުފިޔާ އާއި ހަމައަށް މާލީ އެހީ ލިބޭއިރު މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާނީ، އެ ފަރާތްތަކަށް ލިބޭ މާލީ އެހީގެ އަދަދު އިތުރުކުރުމަށް ފަހުގައި ކަމަށެވެ. މިދިޔަ ޖޫން މަހު އިއުލާންކުރި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަށް ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން، 150 ޕްރޮޕޯޒަލް އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަރުހަލާ ނިމި، ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ އިވަލުއޭޝަން ކުރިއަށްގެންދަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ބޭންކް ގުޅިގެންކަމުގައިވާއިރު އެސްއެމްއީ ބޭންކް މިކަމުގައި ބައިވެރިކުރަނީ، ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓެޑް ހިދުމަތަކަށް ބޭންކްތައް ހެދުމަށްޓަކައި ހުންނަންޖެހޭ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
