މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަނޯޖަން ސަލާމަތްކުރުމަށް ސްރީލަންކާ ސަރުކާރުން ފަށާފައިވާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ސްރީލަންކާގެ ރައީސްގެ ކައުންސެލް ފައިޒަރ މުސްތަފާއާއި ރައީސްގެ ކައުންސެލް އުޕުލް ކުމާރައްޕެރުމަ ވަނީ ބުދަ ދުވަހު ރާއްޖެ ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އަނޯޖަން ދައްކާފައިވާ ވާހަކަތަކަކީ މުސްލިމުންނަށް އޭގެ ސަބަބުން ނުހަނު ބޮޑު އަސަރެއް ކުރާނެ ސީރިއަސް މައްސަލައެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، އިންސާނިއްޔަތުކަމަށް ރިއާޔަތްކުރައްވައި، އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އެ ބަޔާނުގައިވެއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި އިއުލާންކުރެއްވި ގޮތުގައި، އަނޯޖަންގެ މައްސަލައިގައި ހާއްސަ ޑިޕްލޮމެޓިކް މަންދޫބުންގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ފައިޒަރ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ފޮނުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ.

މި ދެ ވަކީލުން ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސާއި ފޮރިން މިނިސްޓަރުގެ އެންގެވުމުގެ މަތިން ކުރައްވާ ދަތުރުފުޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ދަތުރުފުޅަށް ސަރުކާރުގެ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި، ދެ ވަކީލުން ވެސް ހަރަދުކުރައްވާނީ އަމިއްލަ ފައިސާއިން ކަމަށް ވަނީ ހާމަކޮށްފައެވެ.