ސްރީ ލަންކާގެ ދެކުނުން އަދި ރާއްޖޭގެ އިރުއުތުރުގެ ސަރަހައްދުން މާކަނޑުގައި ދަތުރުކުރަމުންދިޔަ މަސްބޯޓަކުން 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ.

ލަންކާ ނޭވީން ހާމަކޮށްފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ކުރާ ގޮތަށް ތައްޔާރުކޮށްގެން ދަތުރުކުރި އެ އުޅަނދު އަތުލައިގަތް އިރު، އޭގައި ފަސް ފަޅުވެރިން ތިއްބެވެ. އަދި އެ ބޯޓު މިހާރު ވަނީ ލަންކާގެ ގޯލް ބަނދަރަށް ގެންގޮސްފައެވެ. އަދި އެ ބޯޓުގައި ހަ ބަސްތާއެއްގައި ބަންދުކޮށްފައި ހުރި ތަކެތި ގޯލް ބަނދަރަށް ގެންގޮސް ބަލައި ފާސްކުރުމުން، އޭގައި 58 ކިލޯގެ ކޮކެއިން އާއި 43 ކިލޯގެ ހެރޮއިންގެ އިތުރުން 134 ގްރާމްގެ މެތަމްފެޓަމައިން (އައިސް) ހުރިކަން ވަނީ ކަށަވަރުވެފަ އެވެ. ލަންކާ ފައިސާއިން ބަލާ ނަމަ، އަތުލައިގަތް މި މަސްތުވާތަކެތީގެ މަގުމަތީ އަގު 1.5 ބިލިއަން ރުޕީސްއަށް އަރާ ކަމަށް އެ ގައުމުގެ ސިފައިން ބުނެއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި "އަ ނޭޝަން ޔުނައިޓެޑް" ގެ ނަމުގައި ލަންކާ ސަރުކާރާއި ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅިގެން ހިންގާ ހާއްސަ ކެމްޕެއިނެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އަތުލައިގަތް ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތުގައި ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) އަރޫނާ ޖަޔަސޭކަރަ އާއި ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޑަމިއަން ފެނާންޑޯގެ އިތުރުން އަސްކަރިއްޔާ އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި މައްސަލައިގެ އިތުރު ތަހުގީގަށްޓަކައި ބޯޓާއި އޭގައި ތިބި ފަސް މީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފަ އެވެ.