ކ. މާފުށީގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ނިންމައި 6 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، އޮގަސްޓު 11 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށެވެ. އެ ވަގުތު ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސީނުން އޮގަސްޓު 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ހެވަން، މުހައްމަދު ޝާބިން ޝުޖާއު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާ ދޫކޮށްލި އަމުރު ފުލުހުންގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި އަނެއް 5 މީހުންނަކީ:
- އަބްދުﷲ ނިހާދު (30އ) - ސްޓާރލައިން / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 14، ބަންދުގެ މުއްދަތު: އޮކްޓޫބަރު 4 ގެ ނިޔަލަށް)
- އިބްރާހީމް ސުނީޒް (41އ) - ގްރީންޕާރކް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 15، ބަންދުގެ މުއްދަތު: ސެޕްޓެމްބަރު 23 ގެ ނިޔަލަށް)
- އަހްމަދު އަހުނަފް އަސްފާގު (24އ) - ވާރޭވިލާ / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 19، ބަންދުގެ މުއްދަތު: އޮކްޓޫބަރު 11 ގެ ނިޔަލަށް)
- މުހައްމަދު ޝައިހާން (21އ) - ގްރީންޕާރކް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 28، ބަންދުގެ މުއްދަތު: ސެޕްޓެމްބަރު 27 ގެ ނިޔަލަށް)
- ހަސަން ނަބީލު (32އ) - ފާއިޒާމަންޒިލް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 29)
މީގެ ތެރެއިން ހަސަން ނަބީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މި މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕީޖީ އޮފީހުން މިހާރު ދަނީ ދައުވާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
