ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެން މެންބަރުންގެ މަޖިލީހަށް 10 ބޭފުޅުން އިންތިހާބުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަނީ ޕާޓީގެ އަންހެން މެންބަރުންގެ މަޖިލީހަށް ކުރިމަތިލެއްވި 22 މެންބަރުންގެ މެދުގައި ވޯޓު ނަގާފައެވެ. ޕީއެންސީގެ އަންހެން މެންބަރުންގެ މަޖިލީހަށް އިންތިހާބު ކުރަނީ 10 މެންބަރުންނެވެ.
އެ ވޯޓުގައި ޖުމްލަ 1085 މީހުން ބައިވެރިވެފައިވާއިރު ވޯޓު ލުމަށް ދީފައި ވަނީ 10 މިނެޓެވެ. މި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، މަރިޔަމް ޝިއުނާއަށެވެ. ޝިއުނާއަށް 931 ވޯޓު ލިބިފައިވާއިރު 885 ވޯޓާއެކު ދެވަނައަށް ހޮވިފައިވަނީ ޝެރީނާ އަބްދުއްސަމަދުއެވެ. އަދި ތިންވަނައަށް 881 ވޯޓާއެކު ހޮވުނީ ފާތިމަތު މިޒުނާ އަލީއެވެ.
އަންހެން މެންބަރުންގެ މަޖިލީހަށް ހޮވުނު އިތުރު މެންބަރުން:
- 863 ހޮވިފަ - އާއިޝަތު މުހައްމަދު
- 870 ހޮވިފަ - މަރްޔަމް ސާމިޔާ
- 837 ހޮވިފަ - ފާތިމަތު ރުހްސާނާ
- 843 ހޮވިފަ - އާސިޔަތު ރީސާ މުހައްމަދު
- 841 ހޮވިފަ - ފާތިމަތު މުހައްމަދު
- 846 ހޮވިފަ - އާމިނަތު ނަމްޒާ
- 819 ހޮވިފަ - އާމިނަތު ޝުހުދާ
ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަނުކުރާނެ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ވެރިކަމެއްގައި ނަމަ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަތީމަޖިލީހަށް އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ. ވެރިކަމުގައި ހުރެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަކީ މަތީ މަޖިލީހުގެ މެންބަރެކެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށްވެސް މިއަދު ވަނީ 6 ބޭފުޅަކު އިންތިހާބުކޮށްފައެވެ. އެގޮތުން އެ މަގާމަށް ހޮވުނީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އަދި ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން މިނިސްޓަރު ޝިޔާމް ވެސް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.
އިއްޔެ ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މިއަދު ކުރިއަށްދަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
