ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދޭނީ މަދުވެގެން 10 އަހަރު އެއް ވެރިއަކު ވެރިކަމުގައި ހުންނަވައިގެން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެންސީގެ މަތީ މަޖިލިސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައިވަނީ ޕީއެންސީއާ ކަމަށާއި، ރައްޔިތުން ބޭނުންވާ އަމާންކަމާއި ހިމޭންކަން ގެނެސްދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގިޔާދަތުގެ ދަށުން އެ ޕާޓީން ދެވަނަ ދައުރަކަށް ވެރިކަމަށް އައިސްގެން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ގޮތަށްވުރެ މާ ފަސޭހަކަމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ޕާޓީގެ މެންބަރުން މިހާރުއްސުރެ ކަމަރު ބަނދެގެން ނިކުންނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އިނދަޖެހިފައިވާ އިގްތިސާދަކާއި ބޮޑެތި ދަރަނިތަކަކާއެކު ކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވިދާޅުވީ އެ ދަރަނިތައް ދައްކަމުން ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ބުރޫއެރިޔަނުދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމަހައްޓަވައި، އެހެން އެއްވެސް ބަޔަކަށް އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތު ނުދެއްވައި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެއް ބިނާކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ރައްޔިތުން އިތުރު ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ މަސައްކަތަކީ ގޭގައި ތިބެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ގާތަށް ގޮސް، ރަށްރަށަށް ދަތުރުކޮށް، އެމީހުންގެ އަޑުއަހައިގެން ހިދުމަތްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ކޮންގްރެސްގެ ހުރިހާ މަންދޫބުންނާ ވަކިވަކިން ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވި ހަމައެކަނި ލީޑަރަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ލީޑަޝިޕުން އަތޮޅުތަކަށް ދަތުރުތައް ފަށައި، ސެމިނާތައް ބާއްވައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ރައީސް ލަފާދެއްވާފައިވާ ކަމަށްވެސް އަބްދުއްރަހީމް ހާމަކުރެއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އަބްދުއްރަހީމް ވަނީ، މީގެ 900 އަހަރު ކުރިން ރާއްޖެ ގަބޫލުކުރި މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަމުގައި، އެހެން ދީންތަކަށް ފުރުސަތު ނުދީ، އަމާންކަމާއި ސުލްހަވެރިކަމާއެކު ގައުމު ކުރިއަށް ގެންދިއުމުގެ ގާބިލުކަން އޮތީ ކޮންގްރެސް ޕާޓީގައި ކަމަށް ވިދާޅުވެފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ އެހެން އެއްވެސް ފިކުރަކަށް ނުބަލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއެކު އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ތިބެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ.
