ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އިންސާފާއި މިނިވަންކަމަށް ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސާބިތު އަދި ހަރުދަނާ ސިޔާސަތަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމަށްފަހު، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އަންވަރު އިބްރާހީމް ވިދާޅުވީ، އިސްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ރާއްޖެއާއި މެލޭޝިއާ އަބަދުވެސް ސާބިތުކަމާއެކު އެކުގައި އޮންނާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުގައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިންނާއި އިސްލާމީ ކަންކަމާ ގުޅޭގޮތުން މުހިންމު ދެ ފަހުމުނާމާއެއް (އެމްއޯޔޫ) ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ"މެލޭޝިއާ މޯލްޑިވްސް ޖޮއިންޓް ކޮމިޝަން މީޓިން" އަވަސް ފުރުސަތެއްގައި ބޭއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ ފެސިލިޓީ ހަމަޖައްސައިދިނުމަށް އުސޫލެއްގެ ގޮތުން މެލޭޝިއާއިން ވަނީ އެއްބަސްވެފައެވެ. އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޕެޓްރޯނަސް ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.

ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެފައިވާ ވައުދުތައް ފުރިހަމައަށް ތަންފީޒުކުރުމަށާއި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކަނޑައެޅިފައިވާ މާލީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ފުރަމާނަ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ ބޮޑުވަޒީރުގެ ޝަރަފުގައި ރަސްމީ ޖާފަތެއްވެސް އަރުވާފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ދިވެހި ސަރުކާރުގެ އިސް ވަފުދަކުންނެވެ.