ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވި ގޮތުގައި މި ނިންމެވުން ނިންމަވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މެލޭޝިއާގެ މަރުކަޒީ ބޭންކް، ބޭންކް ނެގާރާ މެލޭޝިއާގައި އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، އެ ފެސިލިޓީ ދިނުމަށް ނިންމަވާފައިވާ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމަށް އެއްބާރުލުން ދިނުމަށް އުސޫލެއްގެ ގޮތުން މިހާރު އެއްބަސްވެފައިވާ ކަމަށާއި މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި، ބޭންކް ނެގާރާ މެލޭޝިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި އެކަމުގެ އިންތިޒާމުތައް އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް އަންވަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދުގެ މަޝްވަރާތަކުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ ވާހަކަދެކެވިފައެވެ. އެގޮތުން ބައެއް ކަންކަމަކީ:

  • މެލޭޝިއާގައި ތަޢުލީމު ހާސިލުކުރާ ދިވެހި ކުދިންގެ އާއިލާތަކަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ނައްތާލުން
  • ސިއްހީ ދާއިރާއިން އެހީތެރިވުމުގެ އިތުރުން، ދެ ޤައުމުގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން މިއަހަރުގެ ތެރޭގައި ކުއާލަލަމްޕޫރުގައި ބޭއްވުމަށް ނިންމުން
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި މަޢުދަން ހޯދުމުގެ ދިރާސާތަކަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ކަމަށާއި، އެކަމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިހްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ހާރިޖީ ގުޅުން ގާމުކުރީ 1968 ވަނަ އަހަރުއެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލުކުރުމަށާއި، ޗުއްޓީ ދަތުރުތަކުގައި ގޮސްއުޅޭ ގައުމެކެވެ.