ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެއްޖެއެވެ.
މިކަން އިއުލާނު ކުރެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ކުރެއްވި މި ޒިޔާރަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމް ރަމްޒުކޮށްދޭ މުހިންމު ސަފުހާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ނިންމުންތަކެއް ނިންމުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު ދޭދޭ އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ދެ ގައުމުގެ ތަރައްގީއަށް ހުޅުވިގެންދިޔަ އަގުހުރި ދޮރޯށްޓެއް ކަމަށެވެ. ހާއްސަކޮށް، ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމުގައްޔާއި މަތީ ތައުލީމުގެ ދާއިރާއިން މެލޭޝިއާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި، ވިސާގެ ނިޒާމަށް ލުއިފަސޭހަތަކެއް ގެނައުމުގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ އަދި ސިއްހީ ފަރުވާއަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.
ދެ ޤައުމުގެ އިގްތިސާދީ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ހަލާލް ފަތުރުވެރިކަމާއި، ސަގާފީ އަދި ދީނީ ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މައިގަނޑު ބިންގާ ކަމުގައިވާ އިއާދަކުރަނިވި ހަކަތައާއި، ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ރަނުގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މަސްރަޙުގައި ދެ ގައުމުގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި، ރާއްޖެއާއި މެލޭޝިއާ އަބަދުވެސް އޮންނާނީ އެއް ސަފެއްގައި ސާބިތުކަމާއެކު ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.
